English Edition
Dhivehi Edition

އާ އަހަރުގެ އުފާވެރި ޝުޢޫރުތަކާއެކު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އާއަހަރުގެ ތަހުނިޔާ މެސެޖްގައި ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނި ސާބިތުވެފައި ވާކަމަށެވެ. ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މި ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހަރެއް، މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ތިޔަ ލޮބުވެތި ރައްޔިތުން ގޮތް ނިންމަވާނެ ދުވަހަކަށް ވާއިރު އެދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަން” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ މެސެޖްގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައި ކަމަށެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ.

މިފެށުނު 2019 ވަނަ އަހަރަކީ، އުންމީދާއި އުފާވެރިކަމުން ފުރިގެންވާ ވިލުންތެރި އަހަރެއް ކަމުގައި މާތް ﷲ ލެއްވުން އެދޭ ކަމަށާއި ދިވެހީންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމާއެކީގައި، ތަރައްޤީއާއި ކާމިޔާބީ ޙާޞިލުކުރަމުންދާ ބައެއް ކަމުގައި ލެއްވުމަށް އެދޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.