ބަނގްލަދޭޝްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީން ކާމިޔާބު ކޮށްފިކަމަށް، އެގައުމުގެ މީޑިއާއިން ހާމަކުރަމުންދާ ނުރަސްމީ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
ވޯޓުލުން ނިމި، ވޯޓު ގުނަންފެށިތާ މާގިނައިރެއް ނުވަނީސް އިންތިޚާބުގެ ނަތީޖާއިން ހަސީނާގެ ޕާޓީ ބޮޑު ތަފާތަކުން ކުރިހޯދާފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. ހަސީނާ އަށް 229539 ވޯޓް ލިބުނު އިރު އޭނާ އާއި ވާދަކުރި އިދިކޮޅު ކެންޑިޑޭޓަށް ލިބުނީ އެންމެ 123 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެވިފައިވަނި އެންމެ ހަގޮނޑިއެވެ.
މި އިންތިޚާބުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، 17 މީހުން މަރުވެ އަދި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވުމާ ގުޅިގެން އިދިކޮޅު އިއްތިހާދުންވަނީ އިންތިޚާބުން މިހާތަނަށް ހާމަވެފައިވާ ވަގުތީ ނަތީޖާ ގަބޫލުކުރަންވެސް ދެކޮޅު ހަދާފައެވެ. ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުން މަރުވެފައި ވަނީ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ބަޑި ޖެހުމުންނެވެ. ފުލުހުން ބަޑި ޖެހުމުން ތިން މީހަކު މަރުވެފައި ވެއެވެ. އެކްޓިވިސްޓުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިތުރު ހަ މީހަކު މަރުވެފައި ވެއެވެ. އެހެން މީހުން މަރުވެފައި ވަނީ ވެރިކަން ކުރާ ބަންގްލަދޭޝް އަވާމީ ލީގްގެ ސަޕޯޓަރުންނާއި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައެވެ.
ބަނގްލަދޭޝް ޕާލަމެންޓްގައި ތަމްސީލުކުރާ 300 ދާއިރާގެ ތެރެއިން 299 ދާއިރާއަށް މި އިންތިޚާބުގައި 1،861 ކެންޑިޑޭޓުން ވާދަކުރައްވަން ހަމަޖެހިފައި އޮތްނަމަވެސް، ވޯޓްލާން ފެށުމާއެކު އިދިކޮޅު 40 ކެންޑިޑޭޓުންވަނީ އިންތިޚާބުން ވަކިވެފައެވެ. އެ ކެންޑިޑޭޓުން އިންތިޚާބުން ވަކިވީ ސަރުކާރުން ވޯޓް އޮޅުވާލާނެކަން ގައިމުވުމުން ކަމަށް ވެއެވެ.
އިދިކޮޅު ބޮޑެތި ޕާޓީތައް ހިމެނޭ ނޭޝަނަލް ޔޫނިޓީ ފްރަންޓުގެ ލީޑަރ ކަމާލް ހުސައިން ކުއްލިގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، މިއަދުގެ އިންތިޚާބަކީ ތާކުންތާކުނުޖެހޭ އިންތިޚާބެއް ކަމަށެވެ.
އޭނާވަނީ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން އިލެކްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން އަލުން އާންމު އިންތިޚާބު ބޭއްވުމަށްވެސް ގޮވާލައްވާފައެވެ.
އިންތިޚާބުން މިހާތަނަށް ހާމަކޮށްފައިވާ ވަގުތީ ނަތީޖާގެ ސަބަބުން މިހާރުގެ ބޮޑުވަޒީރު، އުމުރުފުޅުން 71 އަހަރުގެ ޝައިޚް ހަސީނާއަށް ވެރިކަމުގެ ހަތަރުވަނަ ދައުރު ކަށަވަރުވެގެންދާނެއެވެ.