English Edition
Dhivehi Edition
ފޮޓޯ: ސަން އެމްވީ

ގެދޮރުގެ ދަތިކަން ޙައްލުވެގެން ނޫނީ، އިޤްތިޞާދުގެ ރޫފަ ހެޔޮވެގެން ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާހްކުރެއްވުމުގެ ކުރިން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މުޅި އިޤްތިޞާދު، އޭގެ ވަށައިގެން ދައުރުކުރާ ނާރެހަކީ، ދިރިއުޅުން ވެއަތުކުރާ ގޯތިކަމަށާއި، ޢާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް، ނުވަތަ ގޯއްޗެއް ނެތި، ޙާޞިލުކުރެވޭނެ ތަރައްޤީއެއް ނޯންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ބޮޑެތި އިޖްތިމާޢީ މައްސަލަތަކުގެ އަސްލަކީވެސް ގެދޮރުގެ ދަތިކަންކަމަށާއި، ގެދޮރުގެ ދަތިކަން ޙައްލުވެގެން ނޫނީ، އިޤްތިޞާދުގެ ރޫފަ ހެޔޮވެގެން ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ޤައުމުގެ ކޮންމެ ފަރުދަކީ ގެދޮރުވެރިއަކަށް ހެދުން. ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް، ހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކުރެވިގެންދާ އިރު، މި ރަށުގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުވެގެންދާނެ. ކޮންމެ ޢާއިލާއަކަށް ވެސް ދިރިއުޅޭނެ ހިޔާވަހިކަމެއް ލިބިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ކުރިއަށް މިއޮތް އަހަރުތަކުގައި ސަރުކާރުން އުންމީދުކުރާ، ހިތްފަސޭހަ ޖަޒީރާވަންތަ ދިރިއުޅުން ފެންނަން ފަށާނެކަމަށާއި، އުއްމީދަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މަސައްކަތްތައް، އެމަގަށް އަމާޒުކުރެވިގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.