English Edition
Dhivehi Edition

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމުގެގޮތުން ފަތުރުވެރިންނަށް ހާއްސަކޮށް ދޮންވެލި ތުނޑި އެއް ހެދުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫސިޓީގެ ގިނަފަރާތް ތަކުން ދެކޭ ގޮތުގައި މި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކަމަށް ހާއްސަކުރެވިފައިވާ ރީތި ދޮންވެލި ތުނޑިއެއް އޮތުން މުހިންމެވެ. އަދި އަމިއްލަ ޤައުމު ދޫކޮށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރި މީހާ އަންނަނީ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ވަގުތު ހޭދަކޮށްލަން ނޫން ކަމަށެވެ. އެހެންކަމުން ފަތުރުވެރިން ރާއްޖެ އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އަޖައިބު ކުރުވަނިވި ރީތި ހުދު ދޮންވެލި ތުނޑިތަކުގެ ހިތްގައިމުކަން ދެކިލުމަށްކަން އެންމެންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އައްޑޫއަކީ ބިމުގެ ގޮތުން ތަނަވަސް އަތޮޅަކަށް ވިޔަސް، ރާއްޖޭ އެހެން ކުދި ރަށްތަށް ފަދައިން ރީތި ދޮންވެލި ތުނޑިތަކެއް ހުރި ތަނެއް ނޫން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ބުނީ، އައްޑޫގައި ފަތުރުވެރިކަމަށް ހާއްސަ އާޓިފިޝަލް ތުނޑިއެއް ހެދުމަށް ކައުންސިލުން ވަނީ މިދިޔަ ހަފްތާގެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ނިންމާފައި ވާކަމަށެވެ. އެގޮތުން އައްޑޫގައި ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ތުނޑިއެއް ހެދުމަށްޓަކައި ހާއްސަކުރެވޭ ސަރަހައްދުތައް ކަނޑައަޅައި އެސަރަހައްދުތައް ޑިޒައިންކޮށް، ތަނުގެ އީއައިއޭ ހަދައި ޓެކްނިކަލް ސާރވޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާ ފައިވާކަމުގައެވެ.

މިޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޓްރަސްޓް ފަންޑުގައި ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ފައިސާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގައިފަތުރުވެރިކަން ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގައި ހިމެނޭ ވައުދެކެވެ.