އައްޑޫސިޓީގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕަބްލިކް ވޯކްސް ސާރވިސަސްއާއި އައްޑޫސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގައި ތާރުމަގުތަކުގައި ހަލާކުވެފައިވާ ތަންތަން ހެދުމަށާއި، ވެލިމަގުތައް ކަހައި އެއްވަރުކޮށް، އެކިއެކި ބޭނުންތަކުގައި ނައްޓާފައިވާ ޕޭވްމަންޓް ގާތައް އަލުން އަޅައި މަގުތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މަސައްކަތް ފެށުމަށް ހުރި ގޮންޖެހުންތައް ބަލައި އެކަންކަން ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޝްވަރާ ދެފަރާތުން ވަނީ ކޮށްފައެވެ.
ގިނަދުވަސްތަކެއް ވަންދެން މަރާމާތުނުކުރެވި ދޫކޮށްލެވިފައި ވުމުގެ ސަބަބުން އައްޑޫގެ އަވަށްތަކުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް އުދަނގުތަކާއި ގެއްލުންތައް ދަނީ ލިބެމުންނެވެ. ވަކިން ހާއްސަކޮށް އެކިއެކި ބޭނުންތަކުގައި މަގުތައް ކޮނެ ޕޭވްމަންޓް ގާ ނައްޓާ ބައެއް ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކުރުމުގެ ސަބަބުން މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ވަނީ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައެވެ.
މިކަން ހުއްޓުމަކަށް ގެނައުމުގެ ގޮތުން ކައުންސިލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގު ކޮނުމަށް ދޫކުރެވިފައިވާ ހުއްދަތައް ބާތިލްކޮށް މަގުތައް ކޮނުމަށް ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމާފައެވެ.