English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ މީހުން އެކަމަށް ކުރިމަތިލުމަށް އެޕާޓީން ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން މި ގޮތަށް ނިންމާފައިވަނީ އިއްޔެ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖޭޕީއިން މި ގޮތަށް ނިންމައި އިއުލާން ކުރިނަމަވެސް ކުރިމަތިލާ ވަކި ދާއިރާތަކެއް ހާމައެއް ނުކުރެއެވެ.
ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިޙް ވިދާޅުވީ އެ ޕާޓީން ވާދަކުރާނެ ވަކި ދާއިރާއަކާ ބެހެ ގޮތުން އަދި މަޝްވަރާއެއް ނުކުރެވޭ ކަމަށާއި ދާއިރާތަކަށް ކުރިމަތިލާނީ ކޮންގޮތަކަށްތޯވެސް އަދި މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ.

“ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވާލީ. އަދި އެގޮތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާއަށް އެކަންކަން ހުށަހަޅުއްވަމުން ގެންދަވަންވީ. އެއާއެކު އަޅުގަނޑުމެން އިދާރީގޮތުން ކުރަންޖެހޭ ކަންކަންކޮށް އިއުލާން ކުރަންޖެހޭ ކަންކަން އިއުލާންކުރާނަން” އަލީ ސޯލިހު ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު ޕްރައިމަރީ ބާއްވާނެ ދާއިރާތަކާއި އެހެނިހެން ކަންކަން ނިންމާނީ މިފުރުސަތުގައި ކުރިމަތިލާ މީހުންނަށް ބެލުމަށްފަހު ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީން އެއްވެސް ފަރާތަކަށް ޓިކެޓު ދިނުމަށް ނިންމާފައިނުވާ ކަމަށާއި އެކަމަކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެވަޑައިގެންފައިވާ ވައުދާ އެއްގޮަތަށް ޓިކެޓް ލިބިވަޑައިގެންފައިވާ މެމްބަރުންނަށް ޓިކެޓް ލިބޭނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.