English Edition
Dhivehi Edition

މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ހާއްސަ މެހެމާނުންގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރ މިޝޭލް ސަލްގާޑޯ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެވޯޑް ނައިޓްގައި މިއަހަރު ހާއްސަ މެހެމާނުންގެ ގޮތުގައި މޭޝޭލް އަދި ޝުމައިކަލް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

“އެވޯޑް ހަފްލާގައި ޝުމައިކަލްގެ އިތުރުން ސަލްގާޑޯ ބައިވެރިވާނެ އަދި މި ކުޅުންތެރިން 29 ވަނަ ދުވަހުގެ ރޭ އޮންނަ ކީޕަރު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ޝަރަފުގައި ކުޅޭ މެޗްގައިވެސް ފެނިގެންދާނެ.” ޖަވާޒް ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރީތި ގޯލު (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އަހަރު އަލަށް އަންހެން ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ އެވޯޑެއް ދިނުމުގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލުކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ހަ ކުޅުންތެރިންނަކީ މާޒިޔާގެ ނާއިޒް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ ހުސެއިން އަދި އިބްރާހިމް ވަހީދު ހަސަން، ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން، ނިއު ރޭޑިއަންޓްގެ އަލީ ފާސިރު އަދި ނިއު ރޭޑިއަންޓާއި ޓީސީ އަށް މި ސީޒަނުގައި ކުޅުނު އަލީ އަޝްފާގް އެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަ ކުރާ ހަތަރު ކޯޗުންނަކީ މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ)، ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު ނިޒާމް، ކްލަބް އީގަލްސްގެ މުހައްމަދު ސިޔާޒް (މޯހަން) އަދި ނިއު ރޭޑިއަންޓްގެ ބްރޫޒަން ބެރިރާސް އޮސްކާ ވިލިއަން އެވެ.

މިއެވޯޑް ހަފްލާގައި ހޮވުމަށް ހަމަޖެހިފައިވާ އަހަރުގެ އެންމެ ގިނަ ލަނޑު ޖަހައިގެންދޭ ރަންބޫޓް ޓީސީގެ އަލީ އަޝްފާގް(ދަގަނޑޭ)ވަނީ ކަށަވަރު ކޮށްފައެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވޯޓް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނާއި ކެޕްޓަރުންގެ އިތުރުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކޯޗުންގެ އިތުރުން ބައެއް ކުޅިވަރު ނޫސްވެރިންނެވެ.