އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އިއްޔެ ވަކިކުރި ހޯސޭ މޮރީނިއޯގެ ބަދަލުގައި ވަގުތީ ކޯޗަކަށް އެޓީމުގެ ކުރީގެ ލެޖެންޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސައިފިއެވެ.
ހޯސޭ މޮރީނިއޯގެ ބަދަލުގައި ސޯލްޝެއާ 19/2018 ވަނަ އަހަރުގެ އެ އެކުލަބްގެ ކޯޗުކަމަށް ހަމަޖެއްސިކަން އެ ކްލަބުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
1996 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް ޔުނައިޓެޑްއަށް ކުޅުނު ސޯލްޝެއާ ވަނީ އެ ކުލަބްގައި ހޭދަ ކުރި 11 ސީޒަނުގައި ޔުނައިޓެޑްއަށް 366 މެޗު ކުޅެދީ 126 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓެޑް އާއި އެކު ޔޫރަޕްގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ފަހު ސޯލްޝެއާ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު އުނައިޓެޑްގެ ރިޒާވް ޓީމްގެ ކޯޗުގެ ގޮތުގައެވެ.ކުލަބް ރިޒާވް ޓީމްގައި ތިން އަހަރު ހޭދަކުރުމަށް ފަހު ސޯލްޝެއާ ވަނީ 2011 ވަނަ ނޯވޭގެ މޯލްޑޭ ގައި ކޯޗު ކަމުގެ މަގާމާއި ހަވާލުވެފައެވެ.
ޔުނައިޓެޑްގެ ވަގުތީ ކޯޗު ކަމާއި ހަވާލު ވުމަށްފަހު ސޯލްޝެއާ”ބުނީ ޔުނައިޓެޑަކީ އަހަރެންގެ ހިތް.އަލުން އަނބުރާ ކުލަބްގެ ހެޑް ކޯޗުގެ މަގާމަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއް.އަހަރެން މިހިރީ ޔުނައިޓެޑްގައި ތިބި މޮޅެތި ކުޅުންތެރިން އަދި ސްޓާފުންނާއި އެކީ މަސައްކަތް ކޮށްލަން ކެތްމަދުވެފައިކަމަށް”އެނާ ބުންޏެވެ.
ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިޝް ޗެއާމަން އެޑްވުޑްވާޑް ބުނީ”ސޯލްޝެއާއެކު މިވަގުތު ޔުނައިޓެޑް އޮތް ދަތި ހާލަތުން އަރާއިގަނެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އޭނާ އަކީ ޔުނައިޓެޑްގެ ބޭނުންވާ ހިސާބަ އަދި ޔުނައިޓެޑް ބޭނުން ވާ ކަހަލަ ފުޓްބޯޅަ ކުޅުންވަން ދަންނަ ކޯޗެއް”ކަމަށެވެ.ވުޑްވާޑް ބުނީ ސޯލްޝެޔާއި އެކު ކުލަބްގެ އެސިސްޓެންޓް މެނޭޖަރަކަށް ހުންނާނީ މައިކް ފީލަން އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވިއިރު ލީގުގައި އެޓީމު އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލާއި އެޓީމާއި ދެމެދު 19 ޕޮއިންޓުގެ ފަރަގެއްގައެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.ޔުނައިޓެޑް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރިސަތު ބޭނުން ނަމަ ގަދަ ހަތަރެއްގައި ނިންމާލަން ޖެހޭނެއެވެ.
ސޯލްޝެއާގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނުކުންނާނީ ކުރިން ކޯޗުކޮށްދިން ކްލަބް ކާޑިފް ސިޓީއާ ދެކޮޅަށެވެ.