English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ކާމިޔާބު ދެ ޓީމް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މަރުގެ މެޗުތަކާއި ކުރިމަތި ލާން ޖެހިއްޖެއެވެ.

މިގޮތުން ގަދަ 16ގައި ފްރާންސް ލީގުގެ ޗެމްޕިއަން އަދި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ ޕީއެސްޖީ އާއި ފޯމް ދައްވެފައިވާ މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހުނުއިރު މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވާދަކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑާއި ޕީއެސްޖީ މީގެ ކުރިން ވާދަވެރި މުބާރާތެއްގައި ވާދަކޮށްފައި ނުވާއިރު މިމެޗު ވެގެންދާނީ ޔޫރަޕްގެ މުބާރާތެއްގައި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމަށެވެ. ހަމަ އެހެންމެ ބަޔާން އާއި ލިވަޕޫލް ވެސް މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައި ނުވި ނަމަވެސް ލިވަޕޫލާއި ބަޔާން ވަނީ 2001 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕްގައި ވާދަކޮށްފައެވެ. އެ ފަހަރު ލިވަޕޫލުން ވަނީ ބަޔާން އަތުން 3-2 އިން މޮޅުވެ ސުޕަ ކަޕް އުފުލާލައިފަ އެވެ.

މިފަހަރު ޗެމްޕއަންސް ލީގުގެ ދެވަނަ ބުރުގައި އިނގިރޭސި ހަތަރު ޓީމް ހިމެނޭއިރު މީގެއިން ތިން ޓީމް ވާދަކުރަން ޖެހިފައިވަނީ ޖަރުމަނު ލީގުގެ ޓީމްތަކާއި އެވެ.މިގޮތުން ދެވަނަ ބުރުގައި އެންމެ ފޯރި ގަދަ ވާނެ ކަމަށް ބެލެވޭ މެޗުގައި ލިވަޕޫލް ބަޔާން ބައްދަލު ކުރާއިރު ޓޮޓެންހަމް ހޮޓްސްޕާސް ނުކުންނާނީ ޖަރުމަނު ލީގުގައި ބަލިވެފައިނުވާ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ.އަދި ޕްރިމިއަ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެ ވަނަ ބުރުގައި ވާދަކުރާނީ ޖަރުމަނުގެ ޝާލްކޭއާއެވެ.

އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ދެ ވަނަ ބުރުގައި ކުޅޭނީ ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްއާ އެވެ.އަދި ރިއާލް އާއި ވާދަވެރި ބާސެލޯނާ ނިކުންނާނީ ފްރާންސްގެ ލިއޯން އާއި ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 12-13، 19-20 އަދި މާޗް މަހުގެ 5-6، 12-13 ގަ އެވެ