ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުތަކުން މޮޅުވެ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އިޓަލީގެ އެޓަލާންޓާ އަތުން 3-1 އިން މޮޅުވެ، އެ ޓީމުން ކުރިހޯދީ 4-1ގެ އެގްރިގޭޓުންނެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު ސިޓީގެ ހޯމް މެޗުން 2-0 އިން މޮޅުވެ އެ ޓީމުން ވަނީ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބަކްގެ މައްޗަށް 4-0ގެ އެގްރިގޭޓުން ކުރިހޯދާފައެވެ.
ރޭގެ މެޗުގައި ރެއާލުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. މެޗުގެ 34 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް ދިން ބޯޅައަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ އެޓަލާންޓާގެ ގޯލްކީޕަރު މާކޯ ސްޕޮޓިއޭލޯ އަށް ހެދުނު ގޯހަކުން ރެއާލް ކާމިޔާބުކުރި ގޯލެކެވެ.
މިއީ އަމިއްލަ ދަނޑުގައި ރެއާލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތް މެޗުގައި ބެންޒެމާ ޖެހި އަށްވަނަ ގޯލެވެ. މީގެއިތުރުން، މިއީ މި މުބާރާތުގައި އޭނާ ޖެހި 70 ވަނަ ލަނޑެވެ. މިއާއެކު ބެންޒެމާ ވަނީ މި މުބާރާތުގައި މިއަދަދަށް ލަނޑުޖެހި ފަސްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާގެ ކުރީން މި އަދަދަށް ލަނޑުޖެހި ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ އިތުރުން ރައުލް ގޮންޒާލެޒް އަދި ރޮބަޓް ލެވަންޑޯސްކީ އެވެ.
މި މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު، މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ރެއާލްގެ ވިނީޝަސް ޖޫނިއާ އަށް އެޓަލާންޓާގެ ރަފައެލް ޓޮލޯއި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުން އެޓަލާންޓާގެ ފޯވާޑް ލުއިސް މުރިއެލް ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން ލޫކަސް ވަޒްކޭޒް ތަނަވަސްކުރި ފުރުޞަތަކުން މާކޯ އަސެންސިއޯ ވަނީ ރެއާލަށް އަލުން ދެލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ.
ހަންގޭރީގެ ޕުސްކާސް އެރީނާގައި ރޭ ކުޅުނު މެޗުގައި ސިޓީން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 12 ވަނަ މިނެޓުގައި އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކެވިން ޑިބްރޭނާ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ސިޓީން ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.
އޭގެ ހަ މިނެޓުފަހުން، އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ތަނަވަސްކުރި ފުރުޞަތަކުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފުގައި ސިޓީގެ ލީޑް ފުޅާކުރުމަށް މާރޭޒްގެ އިތުރުން ޑިބްރޭނާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު މުންޗެންގްލަޑްބަކްގެ މާކަސް ތުރާމް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް އެވެ.
ދެވަނަ ހާފުގައި ސިޓީގެ ލީޑް ފުޅާކުރުމަށް މާރޭޒް އަށް ގިނަ ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވިއިރު މެޗުގެ އިތުރުވަގުތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ރޭގެ މެޗާއެކު ސިޓީގެ ކީޕަރު އެޑަސަން ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ވިދިވިދިގެން 600 މިނެޓު ހަމަކުރި ހަވަނަ ކީޕަރުގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮތީ ޔެންސް ލޭމަން އާއި ކޭލާ ނަވާސްގެ އިތުރުން އެޑްވިން ވެން ޑަ ސާ އާއި ޑީޑާ އަދި ޖިއަންލުއިޖީ ބުފޮން އަތުގައެވެ.