English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާއި ލެވަންތޭ ބައްދަލު ކުރި މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ހެޓްރިކާއި އެކު ބާސެލޯނާ މިމެޗް ކާމިޔާބުކޮށްފައިވަނީ 5-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ރޭގެ މެޗުގައި ލެވަންޓޭކޮޅަށް މެސީހެދި ހެޓްރިކަކީ ބާސެލޯނާގެ ޖާޒީގައި މެސީ އެޓީމަށް ހަދައިދިން 43 ވަނަ ހެޓްރިކެވެ. މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑްގައި ހޭދަކުރި ނުވަ އަހަރު 44 ހެޓްރިކް ހަދައިފައެވެ.

ރޭގެ މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި މެސީތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. އޭގެ ނުވަ މިނެޓް ފަހުން ސާޖިއޯ ބުސްކެޓްސް ދިން ޕާހަކުން ކެޕްޓަން މެސީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު މެސީވަނީ ދެވަނަ ހާފް ފެށިގެން 5 މިނެޓް ތެރޭ 2 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ބާސާގެ ފަހު ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައި އޮއްވައި މެސީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.

މިއީ މި އަހަރު ކްލަބަށާއި ގައުމަށް މެސީ ޖަހައިދިން 50 ވަނަ ގޯލެވެ. މެސީ ވަނީ ލީގުގައި މިހާތަނަށް 14 ގޯލު ޖަހައި 10 ގޯލު ޖަހަން އެހީތެރިވެދީފައެވެ. މިއީ ޔޫރަޕްގެ ލީގެއްގައި އަދި އެއްވެސް ކުޅުންތެރިއަކަށް ހަމަކުރެވިފައިވާ އަދަދެއް ނޫނެވެ.

ރޭގެ ހޯދި މޮޅާއެކު ބާސާ 34 ޕޮއިންޓްއާއި އެއްވަނާގައި އޮތް އިރު ދެ ވަނައިގައި 31 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. 29 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ރެއާލް މެޑްރިޑަށެވެ.