ދިވެހިންނަކީ، ހީވާގި ކަމާއި މުރާލި ކަމުގައި އާދަޔާ ޚިލާފް ބައެއްކަން ދިވެހި ތާރީޚް ހެކިދެއެެވެ. ދިވެހިންގެ ކަންކަން ދިރާާސާ ކުރާ މީހުން ހާމަ ކުރާ ގޮތުގައި ، އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިން ކުރަމުންއައިސްފައިވާ މަސައްކަތްތަކަށް ބަލާާލުމުން އެކަން ހާމަވެއެވެ. އެގޮތުން ދިވެހިން ކުރަމުން އައި ތަފާތު މަސައްކަތް ތަކުގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަށް ކުރު ގޮތަކަށް ބަލާލަމާތޯއެވެ.
މަސްވެރިކަން
ދިވެހި ކާބަފައިންގެ އެންމެ ޒަމާންވީ އެއް މަސައްކަތް ކަމުގައިވާ މަސްވެރިކަން ނުކުރާ ޒަމާނެއް ދިވެހި މާޒީން އެނގޭކަށް ނެތެވެ. މޫސާ ޢަލީ (1994) ހާމަކުރާ ގޮތުގައި އެންމެ އިހު ޒަމާނުގައި ކުދި އުޅަނދުފަހަރު ފަލީގައްޔާއި ހަތަރެސްކަން ފަން ރިޔަލުގައި މަސްވެރިކަން ކުރިއެވެ.އަދި ފޮތި ކަތިރިޔާ ބޭނުންކުރަން ފެށީ އޮނަވިހި ވަނަ ޤަރުނު ނިމެނިކޮށެވެ. ދިވެހިންނަކީ ތަފާތު ގޮތްގޮތަށް މަސްވެރިކަން ކޮށްއުޅުނު ހީވާގި ބައެކެވެ. އެގޮތުން ކަޑުމަތީގައި ކުރާ ދޮށީގެ މަސްވެރިކަމުގެ އިތުރަށް ވަދުކެޔޮޅުކަމާއި މާކެޔޮޅުކަން ކުރެއެވެ. ފަރުކެޔޮޅުކަމުގެ ތެރޭގައި ރޮދުލުމާއި، ފައްތައިގެން ކުރާ ކެޔޮޅުކަމާއި ދިގުދާއެޅުމާއި ލާނދާ އުކުމާއި އަދިވެސް ތަފާތު އިތުރު ގޮތްގޮތަށް ކެޔޮޅުކަން ކުރާކަމަށް މޫސާ ޢަލީ (1994) ބަޔާންކުރެއެވެ. އަދި މިހާރަކަށް އައިސް އިހީގެ ކެޔޮޅުކަމާއި ހުއިފިލަނޑާގެ ކެޔޮޅުކަމަކީ ވެސް ދިވެހިން ކުރާ މަސްވެރިކަމުގެ ބާވަތެކެވެ.
މަހަށް ދިއުން
ފިރިހެނުންކުރާ މަސައްކަތެއްކަމުގައިވާ މަހަށް ދިއުމަކީ ދިވެހިންގެ މުރާލިކަމާއި ހީވާގިކަން ފެންނަ އެހެނަސް ބުރަ މަސައްކަތެކެވެ. މޫސާ ޢަލީ (1994) ބަޔާންކުރާ ގޮތުގައި އިހުޒަމާނުއްސުރެ އާންމުކޮށް މަސްވެރިން މަހަށް ފުރަނީ ފަތިހުއެވެ. ދޯނިފަހަރުގައި އެންމެ ފުރަތަމަ ދަނީ އެންދަމާށެވެ. އެންދަމަނީ ނުވަތަ އެން ހިފަނީ ހާހަލުންނާއި ގިރިގިރިންނާއި “އެންބޭރުން” ދާޖަހައިގެންނެވެ. ހިފާ އެމުގެތެރޭގައި ރެހި، ހޮޑަލި، މުގުރާން، ބޯދި، ފަތާ ފަދަ ކުދިކުދި މަސްހިމެނެއެވެ. އެން ހިފުމަށް ފަހު، މަސްވެރިން ދޯނީގައި ނިކުނަންނީ މާކަނޑަށެވެ. ކަނޑަށް ނިކުމެ މަސްއައިން ހޯދަށް ދުއްވައެވެ. މަހާ ދިމާވުމުން އެން އުކައެވެ. މަސްއައިން އެން ކައިގެން ދޯނިކައިރިއަށް އައުމުން ދޮށިން މަސްބާނައެވެ. ބާނާ މަހުގެ ތެރޭގައި ކަޅުބިލަމަސް، ކަންނެލި، ރާގޮނޑި، ލައްޓި މައިގަނޑު ގޮތެއްގައި ހިމެނެއެވެ. މަސްވެރިން މަހުން ލަފަނީ ހަވީރުއެވެ.
މަސްކެއްކުން
މަސްވެރިކަމުގެ މަސައްކަތަކީ ދިވެހި އަންހެނުން އެމަސައްކަތެއްގައި ނުހަނު މުރާލިކަމާއި ހީވާގި ކަމާއެކު ޙިއްސާވާ މަސައްކަތެކެވެ. މަސްވެރިން އެދުވަހަކު ލިބުނު މަސްކޮޅާއިގެން ގެއަށް އައިސް މަސްކެނޑުމުން މަސްކައްކަނީ އަންހެން ވެރީންނެވެ. ގަނޑުމަސް ކައްކާފައި އެރޭ ދުމަށީގައި ބެހެއްޓުމަށްފަހު، އަނެއް ދުވަހު ހެނދުނު ސާފްކޮށްގެން އަވީލާއި ހިއްކައެވެ. ހަމައެއާއެކު، މަސްކެއްކި ގަރުދިޔަ އިތުރަށް ކައްކައި އޮލަކޮށް ރިހާކުރަށް ހަދައެވެ. ހިކިމަސް މާލެ ފޮނުވައިގެން ވިއްކައި ، ލިބޭ އެއްޗަކުން ބޭނުންވާ އެހެން އެއްޗެހި ގަނެހަދައެވެ. ރިހާކުރާއި މަސް ބަހައްޓަނީ މަސް ނުބޭނޭ ދުވަސްވަރު ގޭގައި ލައިގެން ކާއެއްޗެއްގެ ގޮތުގައި ބޭނުން ކުރުމަށެެވެ.
ވަޑާންކުރުން
ވަޑާމުގެ މަސައްކަތަކީ ދިވެހިންގެ އަތު މަސައްކަތުގެ ރީތި ނަމޫނާއެއް ދައްކުވައިދޭ ހަމައެކަނި ފިރިހެނުން ކުރާ ފަންނުވެރި މަސައްކަތެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން ކޮށްއުޅޭ މި މަސައްކަތް ދެބަަޔަކަށް ބެހެއެވެ. އެއީ ކިއްސަރު ވަޑާމާއި ތެދުއުއި ވަޑާމެވެ. ކިއްސަރު ވަޑާމަކީ އޮޑިދޯނިފަހަރު ބަނުމުގެ ވަޑާމެވެ. ތެދުއުއި ވަޑާމަކި ތެދަށް ޖަހާ އުއި ޖަހައިގެން ބޮޑުބައި ތެދަށް ކޮށައި މަށައިގެން ކުރާ ވަޑާމެވެ. ރާއްޖޭގައި ކިއްސަރު ވަޑާން ކުރަންފެށުނު ޒަމާނެއް އެނގޭކަށް ނެތެވެ. މި މަސައްކަތުގައި އާންމުކޮށް ބޭނުންކުރީ ރުއްވަކަރެވެ. ރުކުގެ ވަކަރު ތުނިކޮށް ކޮށައިމަށައި ކުރެދި ޅިސްލައި އިންދައިގެން ބަންނަ މިފަދަ އުޅަނދު ފަހަރު ވަރުގަދަ ވެފައި ފެނަށް ފަހި ކަމީ ފާހަގަ ކުރެވޭ ކަމެކެވެ. އޭގެ ކިއްސަރު ރިވެތި ވެފައި ލޫޅާފައްޗެެވެ. އަލީ މޫސާ ދީދީ (2005) ބަޔާންކުރާ ގޮތުގައި އިހުގައި އޮޑި ދޯނިފަހަރު ބަނދެ އުޅުނީ ރާއްޖޭގައި ހެދޭ ލަކުޑިންނެވެ. މައިގަނޑު ގޮތެއްގައި މިމަސައްކަތުގައި ބޭނުންކުރާ މަދު އެއްޗެއް ފިޔަވައި ހުރިހާ އެއްޗަކީ ދިވެހިން އަމިއްލައަށް އުފެއްދި ހަތިޔާރެވެ. މި އިން ކޮންމެ އެއްޗަކަށް ކިޔާ އުޅުނީ ދިވެހި ނަންތަކެކެވެ. ވަޑާން ފޮއްޓެގައި ހުންނަ އާލާތްތަކެއް ޢަލީ މޫސާ ދީދީ (2005) ބަޔާންކުރެއެވެ. އޭގެ ތެރޭގައި ފުރޯ، އޮޑާ، ފޮނުވަތް، ލަކުޑި ރޮންދާ، ވަޑާންކަށި، ކަޅިހި އުއި، އޮލަނބު، ކޮށާވަޅި، ދެލި އުނބު، މުގުރު އަދި ކުޑަވަރެއްގެ ކީހެކެވެ. އަތުން މުށްއަޅާ ކައިވަތްއަޅާ ފަންވަތް ލަނބައިގެން މެދުބަލާ މިންހަމަކޮށް އެދުވަސްވަރު އުޅުނެވެ. އޮޑިދޯނި ފަހަރަކީ ކަނޑުދަތުރުފަތުރު ކުރުމަށްޓަކައި ރާއްޖެގައި ބޭނުންކުރީ އުޅަނދެެވެ. މިއީ ދިވެހި ވަޑިން އުފައްދާ އުޅަނދުފަހަރަށް ޢާއްމުކޮށް ކިޔާނަމެވެ. މިފަދަ އުޅަނދުތަކަށް ތަފާާތު އަމިއްލަވަންތަ ނަންތަކެއް ދެވިފައިވާކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި މަސްއޮޑިއާއި، ވަދުދޯންޏާއި، ބޮއްކުރާ އަދި ޖަހާދޯންނާއި، ރިޔަލު ދޯނިވެސް ކިޔައި އުޅެތެވެ. އަދި ބޮޑެތި ދޯނިފަހަރަށް ނާލު ބައްތެލި. ބަނޑުއޮޑި ފަދަ ނަންތައް ކިޔައެވެ.
ދަނޑުވެރިކަން
ދަނޑުވެރިކަމަކީ ކާބަފައިންގެ ދިރިއުުޅުމާއި އާދަކާދައާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެކެވެ. އިހުގެ ކާބަފައިން ގޮވާންކުރުމުުގައި ރާއްޖޭގައި ހެދޭ ދިވެހިންނަށް އެންމެކަމުދާ ބާވަތްތައް ހެއްދުމަށް އިސްކަން ދީފައިވެއެެވެ.އާންމުކޮށް އޭރު ހައްދައި އުޅުނީ، ބިންބި، ކުދިބަތް، ޒުވާރި، އުރާ އަދި ދޮނަޅައެވެ. އެންމެ ގިނައިން ހައްދަނީ ބިންބިއާއި ކުދިބަތެވެ. މޫސާ ޢަލީ (1994) ހާމަ ކުރައްވާ ގޮތުގައި އިހުގައި ގޮވާން ކޮށްއުޅުނީ މޫސުމީ ދަނޑުވެރިކަމެއްގެ ގޮތުގައެވެ. ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ބިން ބޮޑު، ފަސްގަނޑު ރަނގަޅު ފަޅު ރަށްތަކަށް ދަތުރުކޮށް އުޅުނެވެ. ދަނޑުވެރިކަމުގެ މަސައްކަތް ފެށުމުގެ ގޮތުން ދަނުވެރިން ކުރާކަމަކީ ދަނޑުކޮށުމެވެ. ދަނޑު ކޮށުމުގެ ގޮތުން މާވިނަ ކޮށައި ދަނޑު ހިކުނީމައި ފަލަކޮށްހުރި ތަކެތި ނަގައި ދަނޑު އަންދަނީއެވެ. ދެން ދަނޑު ތައްޔާރު ކުރުމަށްފަހު، ގޮވާން އުކަނީއެވެ. ގޮވާން އުކާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަސްތައް ފަޅައެވެ. ގޮވާން އުކާތާ ދެމަހާއި ފަނަރަ ދުވަހުގެ ތެރޭގައި ކުރާތައް ދޮންވާނެއެވެ. އާދަވެގެން ގޮވާން ކަނޑައި އުޅެނީ މާނަކަތުގައެވެ. ކޮންމެ ރަށެއްގައިވެސް ގޮވާން ކުރުމަށް އިރުޝާދުދޭ ކަންވެރިޔަކު ހުންނަކަމަށް ވެއެވެ. އެއީ “އެހުރު” އެވެ. ހުރިހާ ކަމެއްވެސް ކުރާނީ އޭނާ ފަށައިދިނީމައި އޭނާގެ އިރުޝާދާއި އެއްގޮތަށެވެ. “އެހުރު” މީހާގެ މުސާރައަކީ އެއްކަނޑި ގޮވާމެވެ. މިގޮތަށް ދަނޑުހައްދައިގެން ދަނޑުވެރިން އަހަރު ދުވަހު ބެނުންކޮށްފައި އިތުރުވާ މިންވަރަށްވެސް ގޮވާން ކަނޑާކަމަށް ވެއެެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރުވާއަށް ނަގައިގެން ދަނޑުގޮވާން ކުރެއެވެ.
ރާއެރުން
ރައިވެރިކަން ނުވަތަ ރުއް އެރުމަކީ ރުކުން ރާ ބާލައިގެން ހަކުރު ކެއްކުމުގެ މަސައްކަތެވެ. މިއީ އިހު ޒަމާނުގައި ދިވެހިން ވަރަށް ރަނގަޅަށް ކުރަމުން އައި މަސައްކަތެއްކަމަށް މޫސާ ޢަލީ (1994) ގައި ބަޔާން ކުރައްވާފައި ވެއެވެ. ރާ އަރާ ރުކުގައި ހަރު ބަނުމަށްފަހު، ރާކުރާ އެތުގެ ބޯކަނޑައި، އެތުގެ ކޮޅު ކަންފަތިން ކޮށާލާފައި އެއްތަޅަނީއެވެ.އޭގެ ފަހުގައި އެތުން ކުނޑިކޮޅެއް ކަހާލުމަށްފަހު، އެކުނޑިކޮޅު އެތުގެ ކޮޅުގައި ބާއްވާނީއެވެ. މިހެން ހެދުމުން ދެތިން ހަތަރު ދުވަހުގެ ތެރޭގައި އެތުގެ ކޮޅުން ރާ ތިކި ޖަހަން ފަށާނެއެވެ. ދެން ފުޅަފި ގަނޑު ނައްޓާލާ ، ކަށިކޭލު ހިކިފަތް އޮޅާނީއެވެ. އޭގެ ފަހުގައި ދުވާލު ދެއިރު ކަންފަތިން އެތުގެކޮޅު ކޮށާލާނީއެވެ. ރާ ގިނައިން ނިކުންނަށް ފެށުމުން ގުޑި ލާނީއެވެ. ރާ ބާލަން ރުކަށް އަރަނީ، ފެން ގުޑިއާއި ފިންދަނޑީގެ އިތުރުން ބަދި ހިފައިގެންނެވެ. ދެން އެތުގައި ލައިފައިހުރި ގުޑީގައި ހުންނަ ރާ، ބައްޖަށް އޮއްސާލަނީއެވެ. ފެންގުޑިގައި ހުރި ފެން ބޭނުންކޮށްގެން، އެތުގައި ހުރި ގުޑި ފިންދަނޑިން ދޮވުމަށްފަހު، އަލުން އެ ގުޑި އެތުގައި ލައިފައި ރުކުން ފައިބަނީއެވެ.ރާވެރިޔާ އާންމުގޮތެއްގައި ރުކަށްދާނީ ތިން އިރުއެވެ. އާދައިގެ ރާވެރިޔަކު އަރަނީ ސޯޅަ ނުވަތަ ވިހި ރުކެވެ.
ހަކުރު ކެއްކުން (ހަކުރު ހިލުން)
ރުކުން ބާލައިގެން ގެންނަ ރާ ހަކުރަށް ހެނދުން ފަދަ މަސައްކަތްތައް ކުރަނީ ހީވާގި އަންހެނުންނެވެ. މޫސާ ޢަލީ (1994) ބަޔާންކުރާ ގޮތުގައި ރާ ކައްކަނީ ތަރާފަތުގައި ނުވަތަ ތެލީގައެވެ. ތެއްޔަށް އަކިރި އަޅައިގެންނެވެ. ކައްކާފައި ބަހައްޓާ ރަލަށް ކިޔަނީ ” ރާފޮނި” މިހެންނެވެ. “ރާފޮނި ތަރަފާތަށް އަޅައި މަޑުގިނީގައި ބަހައްޓައިގެން ހިލުމަށްފަހު ނަރުބެދޭވަރު ވީމާއި އުނދުންމަތިން ބާލައި ހިހޫވަންދެން ހިލަނީއެވެ. ހިހޫވުމުން ހަކުރަށް ވެއެވެ. ރާ ކައްކައިގެން ކަރުހަކުރު ހިލާނަމަ، އެކަމަށްޓަކައި ހަވީރުގެ ރާވަކިން ބަހައްޓައެވެ. އަދި ހަކުރަށް ވަންދެން ކެއްކުމަށްފަހު،އޮލަކުރަން ބޭނުންވާ ނިސްބަތެއްގެ މަތިން ދޯބުރާލި ހަކުރު ނުވަތަ އުއްސަކުރު އަޅައިގެން ކުރިން ހިލިގޮތަށް ހިލަނީއެވެ. ފަތުލިހަކުރު ހަދާ ގޮތަކީ ކުރިން ހިލި ކަރުހަކުރު ހިލި ގޮތަށް އޮލަކުރަމުންގޮސް ހިކޭވަރަށް ހިލުމަށްފަހު ކަށިކެޔޮފަތު ހޮޅިިއަށް އަޅަނީއެވެ.