ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް އެކި ރޮނގުރޮނގުން ކުރައްވާފައިވާ އަހުމަދު ޙާފިޒް މިއަދު އަވަހާރަވެއްޖެ އެވެ.
މ. ޒިޔާރަތްދޮށޫގޭ، އޙްމަދު ހާފިޒް، (62،) އަވަހާރަވީ ކެންސަރުގައި އާލާސްކަންފުޅެއްގައި 9 ވަރަކަށް އަހަރު ހޭދަކުރެއްވުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ޢާއިލައިން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެއް އެތަނުގައި ހިދުމަތް ކުރައްވަމުން ގެންދެވި ހާފިޒު ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
އަޙްމަދު ޙާފިޒަކީ ސަރުކާރުން ހިންގާ މަސްވެރިކަމުގެ ސިނާޢަތްތަކާއި ގުޅޭ އުސޫލުތައް އެކަށައެޅުއްވުމުގައި އާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭއިން އަލަށް ފެންނަ މަސްމަހަށް ނަން ދިނުމުގެ އިތުރުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ މަސްމަހާމެއްސާއި ބެހޭ މައުލޫމާތާއި ކަނޑުއަޑީގެ ދިރުންތަކާއި ގުޅޭގޮތުން ބިނާކުރަނިވި އިލްމީ ދިރާސާތައް ކުރެއްވި ބޭފުޅެކެވެ.
ސައިންޓިސްޓުން އޭނާގެ ނަމާ ގުޅުވައިގެން މަހަކަށް ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ. އެގޮތުން ހާފިޒު ހޯއްދެވި ފަރު މަހަށް ދީފައިވާ ނަމަކީ “ހާފިޒް” އެވެ.
ހާފިޒު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ދިރާގުގެ ބޯޑު މެންބަރުކަމުގެ އިތުރުން ސަރުކާރުގެ އެތައް މަގާމެއް ފުރުއްވައިފައެވެ. އަދި އޭނާއަކީ ކުޅިވަރުގެ ރޮނގުން ވެސް ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. އެގޮތުން ކްލަބް ވެލެންސިއާގެ ގޯލްކީޕަރެއްގެ ގޮތުގައި ކުޅެ، ބާސްކެޓު ބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް އޭނާ އަދާ ކުރެއްވިއެވެ.
އީޕީއެސްގައި ތައުލީމު ހާސިލުކުރެއްވިއިރު ކެޕްޓަންކަން ކުރެއްވި ހާފިޒަށް 1991 ވަނަ އަހަރު ވަނީ މަސްވެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މަސްވެރިކަމުގެ ރޮނގުން ލިޔުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ޙާފިޒު ވަނީ ހާސިލްކުރައްވާފައެވެ.