މި ސަރުކާރު ހަވާލުވީ ފަހުން މަސްވެރިންނަށް 270 މިލިއަން ރުފިޔާ ނުދެވި އެބައޮތްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދަދު ނުދެވި އޮތް ނަމަވެސް, 422 މިލިއަން ރުފިޔާ މަސްވެރިންނަށް މިސަރުކާރު ހަވާލުވިފަހުން ދައްކާފައިވާކަމަށެވެ.
“ހަތަރުސަތޭކަ ބާވިސް މިލއިަން ރުފިޔާ އެއީ މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފަހުރި ތެެލާ އައިސް ހިމެނޭގޮތަށް,” މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް 250 މިލިއަން ރުފިޔާ މަސްވެރިނަށް މިފްކޯއިން ދައްކަންޖެހިފައިވާކަމެވެ.
“އަދިވެސް މިއުޅެނީ އެ އުނދަގުލުން އަރައިނުގަނެ މިއުޅެނީ. އެހެން ނަމަވެސް މާ ލަސްތަކެއް ނުވެ މި އުނދަގުލުން އަޅުގަނޑުމެން އަރައިގަނެ. މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އަޅުގަނޑުމެން ފިލުވާލާނެވާހަކަ ދަންނަވަން,” -މިނިސްޓަރު ޝިޔާމް-
މިނިސްޓަރު މިއަދު މަޖިލީހުގައިވަނީ މިފްކޯއިން މަސް ގަންނައަގު ހެޔޮކޮށްފައިވާކަންވެސް ހާމަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގެ ފަހުކޮޅުގައި މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރެއްވީ ސިޔާސީ ބޭނުމެއްގައިކަމަށެވެ. އަދި އެ އަގުގައި މަސް ގަތުމުން ދިވެހި ދައުލަތަށް 11 ރުފިޔާގެ ގެއްލުން ކޮންމެ މަސް ކިލޯއަކުން ލިބޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޮޑު އަގުގައި މަސްގަނެވޭނީ ދައުލަތުން 1.1 ބިލިއަން ރުފިޔާ މިފްކޯއަށް ސަބްސިޑައިޒް ކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް, އެފަދަ ބޮޑު ސަބްސިޑީޢެއް ދިނުމަކީ ދައުލަތަށް މިވަގުތު ދަތިކަމެއްކަމަށްވެސް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.