English Edition
Dhivehi Edition

މިއަދު މާލޭގައި އިމާރާތް ކުރަމުންދިޔަ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއެއް މަގުން ހިނގާފައިދިޔަ ކުއްޖެއްގެ ގަޔަށް ވެއްޓި ޒަހަމް ވުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިވަނީ މާލޭގައި އިމާރާތްކުރުން ވަގުތީ ގޮތަކަށް ހުއްޓާލަން އަންގާފައެވެ.

މިގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވީ މިހާރު މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކަށް ދީފައިވާ ހުއްދަތައް ވަގުތީ ގޮތުން ހުއްޓުވާފައިވާކަމަށެވެ.

މިއަދު ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވި އުމުރުން ނުވަ އަހަރުގެ ކުއްޖާގެ ހާލު ބެއްލެއްވުމަށްފަހު މާލޭ މޭޔަރު ޝިފާ ވިދާޅުވީ އެ އަންހެން ކުއްޖާގެ ކޮނޑު ހުޅު ނެއްޓިފައިވާ ކަމަށާއި އެ ކުއްޖާގެ ދެ ފަޔަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށެވެ.

މޭޔަރު ޝިފާ އޮންލައިން ނިއުސް “ސަން” އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާ ކަމަށާއި، ނޭވާލުމުގައި ވެސް ދަތިތަކެއް ހުރި ކަމަށެވެ. އަދި އެކުއްޖާޔަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ކަމަށް އާންމުންގެ އެހީއަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މ. ނަލަހިޔާ މަންޒިލް މަތިން ސިމެންތި ބަސްތާ ވެއްޓުނީ، އެ އިމާރާތުގެ ހަވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ބުރީގައި ޖެހި، ބަސްތާ ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.