English Edition
Dhivehi Edition

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމައިފިއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށާއި އެހެންކަމުން މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު މި ހުސްވަނީ އެމަގާމުގައި މިހާރު ހުންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ވުމާއި ގުޅިގެންނެވެ.

އެހެންކަމުން އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މޭޔަރު ކަމުގެ މަގާމު ހުސްވާނެއެވެ. އެއާއެކު، މޭޔަރު ކަމުގެ ގޮނޑި އަށް ބޭފުޅަކު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައި އިލެކްޝަނެއް ބާއްވަން ޖެހެއެވެ.

ހުސެއިން ވަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވުމަށްފަހު، އެސަރުކާރުގެ ސިޔާސީ އިސް މަޤާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން ހުސެން ހަރަކާތްތެރިވަނީ ޕީޕީއެމް/ޕީއެންސީއާއި އެކުގައެވެ.

އެހެންނަމަވެސް މޭޔަރު ކަމުގެ މަޤާމަށް ހުސެއިން ނިކުންނަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ހާމަ ނުކުރައްވައެވެ. މިހާތަނަށް މާލޭގެ މޭޔަރަކު ކަމުގެ މަޤާމަށް ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ މިސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއެވެ.