English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މީޑިއާއަށް މަޢުލޫމާތު ދެއްވައިފިއެވެ.

މިއަދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަލް އެއާރޕޯޓުގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ ރައީސް އާއި ބައްދަލުކރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާގެ ވިޔަފާރިވެރިންނާއި ބައްދަލު ކުރުމާއި، އިންޑިއާގެ ވިސާ ހޯދުމުގައި ލުއިފަސޭހަ ތައް ހޯދުމުގެ އެއްބަސްވުން ތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އިންޑިއާއެކު މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުން ލިބިގެންދާނެ އެންމެ ބޮޑު އުފާވެރިކަމަކީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކޮށް ހާލުބެއްލެވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ އިންޑިއާ އިން ރާއްޖެ އަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްމުމަށް ފަހު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މިދަތުރުގައި ރައީސް އާއިއެކު ސަރުކާރުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.