English Edition
Dhivehi Edition

މަސްވެރިންނަށް އެމީހުން ކުރާ ބުރަ މަސައްކަތާއި ބަލާއިރު ލިބެނީ ހައްޤު މިންވަރަށްވުރެ މާކުޑަ އާމުދަނީއެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ ގެމަނަފުށީގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެެއްކެވި ވާހަކަފުޅުގައެެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާވަމުން އަންނަ ވަރަށް، މަސްވެރިކަމުގެ ބާޒާރު ތަނަވަސްނުވުމުގެ ޝަކުވާކަމަށާއި، މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރަކީ މަސްވެރިކަމާއި ކަނޑުގެ ވެއްޓާ ނުހަނު ގުޅިލާމެހިފައިވާ ތަސައްވުރެއްކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިއަދު ދަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނަމުންކަން ފާހަގަކުރައްވައި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއްވެސް ހުރިކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ، އަދި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ މަސްވެރިކަމުން ލިބޭ އާމުދަނީ ސީދާ ގުޅިފައިވަނީ އާއްމު ރައްޔިތު މީހާއާއި ކަމަށް ވީނަމަވެސް މަސްވެރިންނަށް ލިބެނީ އެމީހުން ކުރާ ބުރަ މަސައްކަތާއި އަޅާބަލާއިރު މާކުޑައެއްޗެއް ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް ޤަބޫލު ކުރާ ގޮތުގައި، މަސްވެރިންނަށް ލިބެނީ އެމީހުން ކުރާ ބުރަ މަސައްކަތާއި އަޅާބަލާއިރު ހައްޤު މިންވަަރަށް ވުރެ މާކުޑައެއްޗެއް. މަސްވެރިން ބާނާ މަހުން އެއްވެސް މިންވަރެއް އިސްރާފު ނުވެ ފުރިހަމަ އަގު ލިބޭނެ ގޮތް ހެދުމަށްޓަކައި ދައުލަތުގެ މަސްކުންފުނީގެ ކެޕޭސިޓީ އިތުރު ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިއަންނަނީ ދެނެގަންނަމުން،” ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ވިޔަފާރިފުޅާކޮށް، މަސްވެރިން ބާނާ މަހަށް، ހަމަ އަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވަޢުދެއްކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވީހާވެސް ކުޑަކުރުންކަމުގައި ވިދާޅުވިއެވެ.

“ބޭރުގެ މަސްބޯޓުތައް، ރާއްޖޭގެ ކަނޑުތަކުގައި އެއްވެސް ސިފައެއްގައި މަސްވެރިކަން ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރާއްޖޭގެ މަސް ގަންނަން ބޭނުންވާ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް، މެދުވެރިއެއް ނެތި، މަސްދޯނިފަހަރުން އެ ބޯޓުތަކަށް މަސް ވިއްކޭނޭ މަގު ފަހިކޮށްދިނުމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިބުރާހިމް މުހައްމަދު ދުނިޔޭގެ ބާޒާރުގައި މަހަށް އެކަށީގެންވާ އަގެއް ލިބެނީ ދަޅުމަހުގެ ގޮތުގައި އުފައްދައގެން ކަމަށް ވާތީ، ދަޅުގައި މަސްބަންދު ކުރެވޭނެ މިންވަރު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރިދަތިތަކަކީވެސް މަސްވެރިންގެ ބޮޑު ޝަކުވާއެއް އޮތް ކަމެއް ކަމަށާއި ކައުންސިލްތަކާއި ގުޅިގެން އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިގޮތުން ގއ ގެމަނަފުށީގައި ހުރި 25 ޓަނުގެ އައިސްޕްލާންޓް 50 ޓަނުގެ އައިސްޕްލާންޓަކަށް ބަދަލު ކުރައްވާނެ ކަންވެސް އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.

ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މަސްވެރިން އާއިލާތަކަށް އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމަކީ، މަސްވެރިންގެ އަތުން ކުރެޑިޓަށް މަސްގަނެ ފައިސާ ދިނުން ލަސްވުން ކަމުގައި،، އަދި އެކަމަށްވެސް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމުގައެވެ.

“މަސްވެރިންނަށް ދިމާވެފައިވާ އަނެއް ދައްޗަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން. ކުރެޑިޓަށް މަސްގަތުން ހުއްޓާލައި ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް ބޭނުންވާކަން އަޅުގަނޑު ޤަބޫލު ކުރަން. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ އިތުރު އިންވެސްޓްމެންޓްތަކެއް، ކުންފުންޏަށް ހޯދަން ޖެހޭ. ” ރައީސް ވިދާޅުވިއެވެ.

ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކާއި އެއްވަރަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމުގައެވެ.

މިގޮތުން ވައިފުޅިއަޅައިގެން ފީނުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި މަސްވެރިންނަށް ޚާއްސަ ތަމްރީންތަކެއް ބޭނުންވާ ކަމަށާއި އެކަންވެސް ސަރުކާރުން ފައްޓަވާފައި ވާކަމުގައެވެ.

އަދި މިދިޔަ ހަފްތާގައި ހުވަދުއަތޮޅުން އެންހިފަން ވައިފުޅި އަޅައިގެން ފީނި 3 މަސްވެރިންގެ ތެރެއިން 3 މީހެއްގެ ހާލު ގޯސްވެ އެކަކު ނިޔާވި ހާދިސާގެ ހަނދާންއައު ކުރެއްވިއެވެ.

މީގެ އިތުުުރުން މިއަހަރުގެ މަސްވެރިންގެ ދުވަސް ގއ ގެމަނަފުށީގައި ފާހަގަކުރި އިރު ގެމަނަފުށީގެ މަސްވެރިންނަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލެއް ގެނުވި ޒުވާން މަސްވެރިންތަކެއް ރަށެއްކަން ފާހަގަކުރެއްވިއެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވެފައިވާ ދަތިތަށް އޮޅުން ފިލުއްވައި މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް މަސްވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަސްވެރިންނާ މަޝްވަރާކުރައްވާ ވާހަކަފުޅުދައްކަވައިފައެވެ.