2017 ވަނަ އަހަރުގެ އެންމެ މޮޅު ވީޑިއޯ ޖަރނަލިސްޓަކަށް ޗެނަލް ތޭރައިގެ ވީޑިއޯ ޖަރނަލިސްޓް އާމިނަތު ލަޔާލް މަނިކު ހޮވިއްޖެއެވެ
ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލާ ދިމާކޮށް މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި އެކި އެކި ދާއިރާތަކުން 2017 ވަނަ އަހަރު އެންމެ މޮޅު ނޫސްވެރިންނަށް ވަނީ އެވޯޑް ދީފައެވެ.
.ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ތަފާތު ދާއިރާތަކުން އެ ވޯޑްތައް ދީފައިވާއިރު ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ ހަވީރު އޮންލައިނާއި މިހާރު އޮންލައިން އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކޮށްފައިވާ މުޙައްމަދު ޝަރުހާންއެވެ. ޝަރުހާން މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސް އޮފީހުގައި، ނައިބު ރައީސްގެ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ ޢަބްދުﷲ ޖަމީލް ހޮވިފައިވާއިރު އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީ އެވެ،
ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް އަވަސް އޮންލައިންގެ މޫސާ ރަޝީދު ހޮވިފައިވާއިރު ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހީމްއެވެ.
.ފީޗާ ލިޔުމުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އައިމިނަތު ޝިފްލީން ހޮވުނުއިރު، ކުޅިވަރުގެ ދާއިރާއިން މާރކްސް އެއްވަރުވުމުގެ ސަބަބުން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2 ނޫސްވެރިޔަކަށްވަނީ ދީފައެވެ. އެއީ އަވަސް އޮންލައިންގެ ހުސައިން ހަބީބް އަދި މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ
އެންމެ އުންމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ އަވަސް އޮންލައިންގެ ނާޒިމް ހަސަންއެވެ
ނޫސްވެރިކަމުގެ އެވޯޑް ނައިޓްގައި ޚާއްޞަ ނަންބަރެއްގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ނޫސްވެރިކަމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޢަބްދުﷲ ޞާދިޤަށްވަނީ އަރުވާފައެވެ.
މި ހަފްލާގައި “އަލިމަސް” ގެ ނަމުގައި ޚާއްޞަ ފޮތެއް ވަނީ ނެރުއްވާފައެވެ. އަދި ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ލަވައެއް ވަނީ ހުށަހަޅައިދީފައެވެ