English Edition
Dhivehi Edition

ޗެނަލް 13ގެ ކުރީގެ ނޫސްވެރިޔާ އަދި ޕީޕީއެމްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނަރަލްގެ އާމިނަތު ލަޔާލް މަނިކު ސިޔާސީ ދާއިރާއާ ދުރަށް ދާން ނިންމައިފިއެވެ.

ޕީޕީއެމްއަށް ލަޔާލް ފޮނުވި ސިޓީގައި ވަނީ ސިޔާސީ މައިދާނުން ދުރަށް ދާން ނިންމީ އާއިލާއަށް ވަގުތުދިނުމުގެ ގޮތުން ކަމަށެވެ.

ޕީޕީއެމްގެ އަމީން އާއްމުގެ ނައިބުގެ މަގާމުން ލަޔާލް ވަނީ އިއްޔެ އިސްތިއުފާ ވެސް ދެއްވާފައެވެ. އަދި ސޯޝަލް މީޑިއާގައި އޭނާ ގެންގުޅުއްވި އެކައުންޓުތައް ވެސް ވަނީ ޑިއެކްޓިވޭޓް ކޮށްފައެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީގައި ލަޔާލް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުންނާއި އަމިއްލަ ގިނަ ސަބަބުތަކާ ގުޅިގެން ޕީޕީއެމްގައި އަދާކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކުން ބަރީއަވާން ޖެހޭކަން ބަރު ހިތަކާ އެކު ދަންނަވާ ކަމަށެވެ.

ސިޔާސީ ކަންތައްތައްތަކާ ދުރުވާންޖެހޭތީ ހިތާމަކުރައްވަވާ ކަމަށާއި އަދި ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ލަޔާލް ވިދާޅުވީ 2023 ވަނަ އަހަރު ބާއްވާ އިންތިހާބް ޔާމީން ކާމިޔާބުކުރާތަން ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމަށް ލަޔާލް ވަނީ ވިދާޅުވެފައެވެ.

އިސްތިއުފާގެ ސިޓީއާ އެކު ކުރެއްވި ޓްވީޓެއްގައި ލަޔާލް ވަނީސިޔާސީ ދާއިރާ އިން ދުރަށް ދިއުމަށް ނިންމަވާފައިވާ ކަމަށާއި އާއްމުންގެ ފަރާތުން އޭނާ އަށް ލިބުނު ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ.

އާއިލާއަށް ވަގުތު ހުސްކުރުމަށްޓަކައި ސިޔާސީ ދާއިރާ ދޫކޮށްލެއްވެވި ލަޔާލް އަކީ ތުއްތު ދެކުދިންގެ މަންމައެކެވެ.