English Edition
Dhivehi Edition
ރައީސް ހުޅުމީދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން-- ފައިލްފޮޓޯ

މި ސަރުކާރު ކުރިމަތީގައި ހުރިހާރައްޔިތުން ހަމަހަމަ ވާނެކަމަށާއި، ހަމަ އެންމެ ރަށެއްވެސް ބާކީނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއްޒިންމާ ކަމުގައިވާނީ ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށްދިނުމާއި ރައްޔިތުންނަށް އިންސާފްލިބޭނެ މަގުތައް ފަހިކޮށް ދިނުންކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިންސާނީ ހައްގު ތަތަކުގެ ދުވަސްފާހަގަ ކުރާއިރު ފާއިތުވި ދުވަސްތަކުގައި ކަންހިނގާދިޔަ ގޮތާއި މެދު ވިސްނާލަން ޖެހޭކަމަށެވެ. އެހެންކަމުން އެފަދަ ދުވަސްތަކެއް ރާއްޖެއަށް އަނބުރާނުދާނެ ފަދަގޮތަކަށް ދައުލަތުގެ އިންތިޒާމްތައް ހަމަޖައްސަންޖެހޭނެކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

“ކިތަންމެ ކުޑަ ރަށަކަށް ވިޔަސް، އެ ރަށެއްގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ލިބިދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒު. ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ޙަވާލުކުރި އެ ޒިންމާ، މާތް ﷲގެ ވާގިފުޅާއެކު، ފުރިހަމަ ގޮތުގައި އަދާކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ. ރައްޔިތުން މި ސަރުކާރު އުފެއްދީ އެ ޒިންމާއާ އެކު” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރަން ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދު ފެރިދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ބައެއް މުޢައްސަސާތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

1 ކޮމެންޓް
މޫސާ މަނިކު
ޑިސެމްބަރު 11, 2018
މިސަރުކާރު ކުރިމަތީގައި ހުރިހާރައްޔިތުން ހަމަހަމަވީވަރުން ގޮސް ދޮއްތޮ ކެމްޕޭން މީޓިން ތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލާ ހޯދައިގެން ޕީޕީ އެމް އަށް މަސައްކަތްކުރި މީހުން ވަޒީފާއިން ވަކިކުރީ! 35 އަހަރު ރާއްޖޭގައި ކޮލިފައިޑް މީހުން އެންމެމަދު އެއްދާއިރާގައި މަސައްކަތް ކުރުމުގެ އިނާމަކީ، ރައީސް އިފީހުން ފޯނު ކޯލަކުން ވަޒީފާއިން ވަކިކޮށްލުން. ކުށަކީ ވަކި ސިޔާސީ ފިކުރަށް ތާއީދު ކޮށް ސިޔާސީ މަގާމެއްގަ އެވަގުތު ހުރުން.