English Edition
Dhivehi Edition

ދިވެހިރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކުކުރެވޭނެ އިންތިޒާމު ޓްރާންޕޯޓް މިނިސްޓްރީން ހަމަޖައްސައިދެއްވައިފިއެވެ.

މިއީ ޓްރާންޕޯޓް މިނިސްޓްރީގެ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ. އެއާޕޯޓްގެ އެއްގަމު އުޅަނދު ޕާކްކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކު ކުރެވޭ ސަރަހައްދު ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ޙިދުމަތް ތައާރަފު ކުރުމާއެކު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 700 ޖާގަ އޮންނާނެކަމަށާއި މިކަމުގެ ސަބަބުން މިހާރު ޕާކު ކުރަން މުވައްޒަފުން ދައްކާ 10 ރުފިޔާ ނުދައްކައި ހިލޭ ޕާކު ކުރެވޭނެކަމަށެވެ. އަދި މިގޮތަށް ހަމަޖެހުމުން އެއާޕޯޓުގައި އެކި ޝިފްޓަށް އަންނަ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ފާހަނގަކޮށްލެވޭ ކަމަކީ އާ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ވައުދު ފުއްދައިފައިވަނީވެސް ޓްރާންސްޕޯޓް މިނިސްޓްރީންކަމެވެ. މިގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 100 ދުވަހުގެ ތެރެއިން ފުއްދުމަށް ކަނޑައަޅުއްވާފައިވާ 15 ވައުދުގެ ތެރެއިން 5 ވައުދު ފުއްދާފައެވެ.