ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ވަޒީރުންގެ މަޖިލިހުން ކަނޑައަޅުއްވައި އެންގެވުމުން އައްޑޫސިޓީ ކައުންސިލުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްގަރާރެއް ނެރެފިއެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިދޭ ބާރު ތަކުގެ ތެރެއިން، އާ އިސްލާޙުގެ ދަށުން ކައުންސިލަށް ލިބުނު ބާރުތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ކައުންސިލް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ބާރެއް ދެއްވެވި ކަމަށް ގަބޫލު ނުކުރެއްވެވޭ ކަމަށެެވެ.
“ސަރުކާރުން ކަންސިލްތަކަށް ދޭން ނިންމާފައިވަނީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން. މިއީ ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ލިބިގެން ދިޔަ ބާރުތަކެއް ކަމަށް ގަބޫލެއް ނުކުރެވޭ” ޔަސްރިފް ވިދާޅުވިއެވެ.
ޔަސްރިފް ވިދާޅުވީ އާ ސަރުކާރާއެކު އައްޑޫގެ ރައްޔިތުންވެސް އަދި އައްޑޫސިޓީ ކައުންސިލުން ވެސް އެދިއެދި ތިބީ ކައުންސިލަށް ފުރިހަމަ ބާރު ލިބި ސިޓީ ތަރައްގީ ކުރުމުގައި ކައުންސިލުގެ ރޯލު ފުޅާވެގެން ދާނެ ކަމަށެވެ
ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލުން ނިގުޅައި ގަނެވިފައިވާ ބާރުތައް ދިނުމަށް ގޮވާލައި އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ކުއްލި ގަރާރެއްވެސް ފާސްކޮށްފައެވެ.
މި ގަރާރުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައިވާ ލާމަރުކަޒީ އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތީން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތަކަށް ސަރުކާރުގެ އިދާރީ ހިންގުން ހަމަޖައްސަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް އައްޑޫ ރައްޔިތުންގެ ފަރާތުން ނުހަނު އިޚްލާޞްތެރި ކަމާއެކު އިލްތިމާސްކޮށް އަދި ޤާނޫނު ނަންބަރު 2010/7 ގެ 56 ވަނަ މާއްދާއަށް ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ގެނެސްފައިވާ އިޞްލާޙު ބާޠިލްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މިގޮތުގެމަތިން މި ޤަރާރު އައްޑޫސިޓީ ކައުންސިލުން ފާސްކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާއިން މި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ.
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރައްވައި ދެއްވި ހިޠާބުގައި ރައީސް އިބްރާހިމް ސާލިޙް ވިދާޅުވީެފައިވަނީ ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް ހައްދަވާނެކަމަށެވެ.
ރައީސް ޞާލިހު ހުވާ ކުރެއްްވުމާއި އެކު އައްޑޫ ސިޓީ ކައުންސިލުން ރައީސާ ބައްދަލު ކުރައްވައި ކަންބޮޑުވުން ހިއްސާ ކުރައްވަވައި ކަމާއި ގުޅުން ހުރި 11 މިނިސްޓްރީއަކަށް ވަޑައިގެން ރައްޔިތުންނަށް ހިދްމަތް ނުދެވޭކަން ވެސް ވަނީ ހަނދާން ކޮށް ދެއްވަވާފައެވެ.
“މިއީ ރިޔާސީ އިންތިޚާބުގެ ވައުދުވެލެއްވެވި ހެން ކައުންސިލް ތަކަށް ބާރު ދިނީ ކަމަކަށް ނުބެލެވެނެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބުމުން ރައްޔިތުން ސުވާލުކުރާނީ ހޮވާފައިތިބޭ ކައުންސިލަރުންނާ. އެކަމަކު އެއްވެސް ޚިދުމަތެއް ދެވޭނެފަދަ ބާރެއް ކައުންސިލަކަށް ލިބިފައެެއްނެތް” ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެލެއްވެވި ހުރިހާ ކައުންސިލަރުން ވެސް ކުރެއްވެވީ މި ޝަކުވާއެވެ..