English Edition
Dhivehi Edition
ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިންޑިއާ ސަފީރުގެ ދެކަނބަލުން ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުންދީ އެހީތެރިވާނެ ކަމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު މިހެން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިއްޔެ ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުންގެ މެދުގައި ކުރެއްވި މަޝްވަރާތަކުގައެވެ.

މިގޮތުން ތަޢުލީމީ، އަދި ފަންނީ ރޮނގުންނާއި އެހެނިހެން އިޖްތިމާޢީ ރޮނގުތަކުން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމަށްވެސް އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވަނީ ވިދާޅުވެފައެވެ. އަދި ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަކުރައްވައި ޒުވާނުން އިތުރަށް ބާރުވެރިކުރުވުމަށް، އިންޑިޔާއާއި ގުޅިގެން ކުރިޔަށް ގެންދެވޭނެ ކަންތައްތަކާއި ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވާފައެވެ.