English Edition
Dhivehi Edition

މި ހަފްތާގެ ތެރޭގައި ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ. ކ. ދިއްފުށްޓަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކޮށް އެއް މަސް ތެރޭގައި އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ގާނޫނު އިސްލާހު ކުރެވެން ދެން ވެސް ރައީސަށް ލިބިދޭ ބާރުތައް މި ފެށޭ ހަފްތާގެ ތެރޭގައި ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭރުން މާލެއާއި އައްޑޫއާއި އަދި ފުވައްމުލަކު ސިޓީއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެއްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކައުންސިލްތަކަށް ބާރުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދީގެން ރަށްތައް ތަރައްގީކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ކައުންސިލްތަކަށް ލިބިފައިވާ ބޮޑެތި ބާރުތަކެއް ވަނީ މައި ސަރުކާރަށް ނަގާފަ އެވެ. ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.