English Edition
Dhivehi Edition

ކޯލިޝަނުގެ އެއްބަސްވުމާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމައިފި އެވެ.

މިގޮތަށް ނިންމީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

އެމްޑީޕީން މި ގޮތަށް ނިންމާފައިވާއިރު ކޯލިޝަން އެއްބަސްވުމުގައި ވަނީ އެމްޑީޕީން މަޖިލިސް އިންތިހާބުގައި 35 ދާއިރާއަށް ކުރިމަތިލުމަށެވެ. އަދި ޖޭޕީން 22 ދާއިރާއަށް ކުރިމަތިލުމަށެވެ. އަދި އަދާލަތު ޕާޓީން 13 ދާއިރާއަށާއި އެމްއާރްއެމް އިން 17 ދާއިރާއަށެވެ.

އެހެން ނަމަވެސް މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައި މިހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ނަައިބް ރައީސް އަދި ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ޝިފާޒު އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީގެ އަަސާސީ ގަވައިދުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް ކަމަށެވެ. އެމްޑީޕީގެ ރައީސްގެ މަގާމަކީ އެޕާޓީގެ އެންމެ އިސް މަގާމެވެ.