English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ( ސީއެމްސީއޭ) އާއި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ “މައިސްޓޯރީ ވިތް ޗައިނާ” ގެ އައްޑޫ ފޯރަމް މިއަދު ޝަންގްރިއްލާ ރިސޯޓުގައި ބާއްވައިފިއެވެ.

ޗައިނާ އެމްބަސީ އާއި ސީއެމްސީއޭއިން އިންތިޒާމު ކުރި މި ފޯރަމްގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖާންގް ލީޖޮންގް އާއި ޗައިނާ އެމްބަސީގެ ޑެލިގޭޝަނެއް ވަނީބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަދު ހެނދުނު ޝަންގްރިއްލާ ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ފޯރަމް ގައި އައްޑޫސިޓީ ކައުންސިލުންނާއި އައްޑޫގެ ސްކޫލްތަކުގެ ތެރެއިން ސީއެމްސީއާއެކު މަސައްކަތް ކުރައްވަވާ ސްކޫލްތަކުގެ ޕްރިންސިޕަލުން ނާއި ތަފާތު އެކިގޮތްގޮތުން ސީއެމްސީއޭގެ ޕްރޮގްރާމު ތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވަވާ ބޭފުޅުންނާއި ސީއެމްސީއޭގެ ޕްރޮގްރާމު ތަކުގައި ޗައިނާއަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ޖާންގް ވިދާޅުވީ އައްޑޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރަށް މުހިއްމު މަންޒިލެއް ކަމަށާއި އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާ އެމްބަސީން ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ތަފާތު އެކިރޮނގުތަކުން ތަމްރީނު ޕްރޮގްރާމު ތައް ލިބޭނެ ގޮތް މަގުފަހިކޮށްދެއްވަވާނެ ކަމަށާއި އެކަމުގައި ސީއެމްސީއޭއިން ކުރައްވަވާ މަސައްކަތަށް އެމްބަސީގެ ފުރިހަމަ އެހީތެރިކަން ލިބިގެން ދާނެ ކަމަށް އެމްބެސެޑަރ ޖާންގް ވިދާޅުވިއެވެ.

ސީއެމްސީއޭގެ ފައުންޑަރ ވިދާޅުވީ އެ އެެސޯސިއޭޝަނުން މިހާރުވެސް އެންމެ ގިނަ ފުރުސަތުތައް ދެއްވަވަމުން ގެންދަވާ އެއްތަނަކީ އައްޑޫސިޓީ ކަމަށް ވުމާއެކު އައްޑޫގައި ސީއެމްސީއޭގެ އޮފީހެއް ހުޅުވި ގޮފިތައް ފުޅާވެގެންދިއުމަކީ ކުރައްވަވާ އުއްމީދެއް ކަމަށެވެ. އަދި އެކަމަށްޓަކައި މިހާރުވެސް މަސައްކަތް ކުރައްވަވަމުން ގެންދަވާ ކަމަށެވެ.

ސީއެމްސީއޭގެ ތަފާތު އެކި ޕްރޮގްރާމުތަކުގައި ޗައިނާއަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކުން ވަނީ “މައި ސްޓޯރީ ވިތް ޗައިނާ” ގެ ނަމުގައި އެ ފަރާތްތަކުގެ ވާހަކަ ތައް ހިއްސާކޮށްފައެވެ.

ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.

މި އެސޯސިއޭޝަނުގެ ފަރާތުން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވޭ ދަރިވަރުންގެ ޔޫތް ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވާފައިވާއިރު ކަލިނަރީ އެކްސްޗޭންޖް ޕްރޮގްރާމެއްވެސް ވަނީ ހިންގަވާފައެވެ. މީގެ އިތުރުން އެސޯސިއޭޝަނުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން 6 ދަރިވަރަކު ވަނީ ޗައިނާއަށް ކިޔަވަން ފޮނުވާފައެވެ. އެއީ އައްޑޫސިޓީގެ 4 ދަރިވަރުންނާއި ފުވައްމުލަކުގެ 2 ދަރިވަރުންނެވެ. ހަމައެއާއެކު ރާއްޖޭގައި ތައިޗީ ކުރިއެރުވުމުގެ މަގްޞަދުގައި ތައިޗީ ޓްރެއިނަރުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާތަކާއި ޔޫތް ކޭމްޕް ފަދަ ޕްރޮގްރާމުތަކުގައި ޒުވާނުން ބައިވެރިކޮށް ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްވެސް ސީއެމްސީއޭއިން ކުރިއަށް ގެންދެއެވެ.