English Edition
Dhivehi Edition

ސިއްދީގަށް ހަމަލާދިން އެމްޑީޕީ އެކްޓިވިސްޓަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ޖަހައިފިއެވެ.

މިއަދު ހަތްދުވަސް ޖަހާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް(ސުމިތު) އަށެވެ. ސުމިތު ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައެވެ.

ސިއްދީގު މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައިވަނީ”ޖަޒީރާ ރާއްޖެ ލިޔެފައިވާ ޓީޝާޓެއް ލައިގެންހުރި މީހަކު ކްރިމިނަލް ކޯޓް ކުރިމަތީގައި އަޅުގަނޑަށް ހަމަލާދީ މާރާމާރީ ހިންގައި ގައިން ލޭ ދުއްވާލައިފި. މައްސަލަ ޕޮލިސްއަށް ރިޕޯޓް ކޮށްފިން. އަދިވެސް ހަމަލާދޭނެކަމަށް ޕޮލިސް އޮފިސަރެއް ކުރިމަތީގައިވެސް ބުނި”ސިއްދީގު ބުންޏެވެ.

ސުމިތު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމުން އޭނާ ދޫކޮށްލުމަށް އެމްޑީޕީގެ ސަޕޯޓަރުން އަދި ބައެއް އިސް ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ. އެގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ސުމިތު ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އީވާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޕޮލިހުން ހައްޔަރުކުރި ވެލެޒިނީވެސް ދޫކޮށްލުމަށް ގޮވާލާފައެވެ. ވެލެޒިނީއަކީ ރާއްޖެއިން ބޭރުގައި ހުރެގެން އިސްލާމްދީނަށާއި ރަސޫލާޔަށް ފުރައްސާރަ ކޮށް މީސްމީޑިޔާގައި އެތަށް ގޮތަކަށް ވާހަކަ ދައްކާފައިވާ މީހެކެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ސުމިތު ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

ސިއްދީގަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި އޭގެ ތެރެއިން ސަރުކާރަށް ފާޑު ކިޔުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދޭ ހައްގެއް ކަމަށެވެ.