English Edition
Dhivehi Edition
އިސްމާއީލް ހަބީބް

މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދިނުމަކީ އެ މުއައްސަސާތަކުން އެދިފައިވާ ކަމެއް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އީސީގެ ކުރީގެ ނައިބު ރައީސް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކުން މިދިޔަ އަހަރު ރައީސަށާއި އެޓާނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ކަރުދާހެއް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ ކަރުދާހުގައި އީސީ އާއި އޭސީސީގެ ރައީސާ އަދި ނާއިބު ރައީސް އައްޔަން ކުރައްވާނީ ރައީސް ކަމަށް ކަނޑައެޅުމަށް ހިމަނައިފައިވާނެ ކަމަށް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.

މިގެ އިތުރުން ހަބީބު ވިދާޅުވީ އެ ކަރުދާސް ހުށަހެޅީ އޭސީސީއާއި އީސީއާއި އެޗްއާރްސީއެމްއާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން ކަމަށެވެ. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަގޮތްކަން ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީއާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ހުށަހެޅި ބިލުގައި ވާގޮތުން އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ނަން ފާސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.