ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ފިލްމު “ކަރަން އަރުޖުން” އަލުން ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.
ޑައިރެކްޓަރު ރާކޭޝް ރޯޝަން މި ފިލްމުގެ ވާހަކަ އިއުލާންކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވަނީ ފިލްމުގެ އެންމެ ހަނދާން އާވާ ބައެއް ވަގުތުތަކާއި ޑައިލޮގްތަކަށް އަލިއަޅުވާލާ ޓީޒާއެއް ހިއްސާކޮށްގެންނެވެ. ނޮވެމްބަރު 22، 2024 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަށް ބެލުންތެރިން މިހާރުވެސް އިންތިޒާރުކުރަމުން އަންނައިރު ފިލްމުގެ މަޝްހޫރު ޑައިލޮގްތަކުން ސޯޝަލް މީޑިއާގައި ފިލްމަށް އޮތް ޝައުގުވެރިކަން ދަނީ ހާމަކުރަމުންނެވެ.
އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގައި ވެސް ފިލްމު އެ ދުވަހު އަލުން ރިލީޒްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިއީ އިންޑިއާގެ ފިލްމެއް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރީ-ރިލީޒްކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކީގައި ބެލުންތެރިންނަށް ފެނުނު ފުރަތަމަ ފިލްމު ކަރަން އަރުޖުން އަކީ 1995 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފިލްމެކެވެ.