ރާއްޖެ އާއި ޗައިނާ އާއި ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމުގެ ކުރިން ދެވަނަ ފަހަރަށް ދިވެހި ސަރުކާރުން ވިސްނައިވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމުގައި ޗައިނާ އިން ބުނެފިއެވެ.
ޗައިނާ އިން މިހެން ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ، މި އެއްބަސްވުމަކީ ވަކި ފަރާތަކަށް ބުރަވެ ވެފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެ ، މި އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދެއްވުމުންނެވެ.
ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެގައުމަށް ވެސް އެއްވަރަކަށް ޙައްޤުތައް ލިބިގެންވާ ދެގައުމަށް ވެސް ފައިދާ ކުރާނެ މުހިންމު އެއްބަސްވުމެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެންގް ޝުއަންގް ޗައިނާގެ “ގްލޯބަލް ޓައިމްސް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ އިންޑިއާގެ ކަންބޮޑުވުންތަކެއް ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ހުރުމުން ރައީސް ސޯލިހް ޕާޓީ އިން އެއެއްބަސްވުމާއި ދެކޮޅު ހަދަމުން އައިސްފައިވާ ކަމަށެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ރައީސް ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޗައިނާ ރައީސް ޒީ ޖިންޕިންގެ މަންދޫބު ޗައިނާގެ މިނިސްޓަރ އޮފް ކަލްޗާ އެންޑް ޓްއަރިޒަމް ލުއޯ ޝޫގަންގް ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި އެބައްދަލުވުމަކީ ވަރަށް ބިނާ ކުރަނިވި ބައްދަލުވުމެއް ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ ޗައިނާ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެ އާއި ޗައިނާ އަށް ފައިދާ ކުރާނެ ގޮތަށް ކަންތައްތައް ކުރަން ކަމަށެވެ.