English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ ސިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ޑިފެންސް މިނިސްޓަރުގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވަނީ ސިފްކޯ މެދުވެރިކޮށް ސިފައިންނަށް އަޅަން ފަށާފައިވާ ފުލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭގޮތުންނެވެ.މި ބައްދަލުވުމުގައި އެ މަސައްކަތްތައް އަވަސްކޮށް، ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މިނިސްޓަރު މަޝްވަރާ ކުރެއްވިއެވެ.

މި ޕްރޮޖެކްޓަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދައުރުގައި ފެއްޓި ޕްރޮޖެކްޓެކެވެ.އެންމެ ފުރަތަމަ މި ޕްރޮޖެކްޓް ހަވާލުކުރެވިފައި ވަނީ ނޫމަޑި ރިސޯޓް އެންޑް ރެސިޑެންސްއަށެވެ. އެހެން ނަމަވެސް ފަހުން މިނިސްޓްރީން ވަނީ ސަރުކާރާއި ގުޅިގެން އެކަން ކުރުމަށް ނިންމާފައެވެ.

ސިފްކޯ ފްލެޓްތައް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ނިމިދިޔަ ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނުނިމި ލަސްވަނީ ފައިސާ ލިބުން ދަތިވެގެން ކަމަށެވެ.

ސިފްކޯއިން ހަދަން ފަށާފައިވާ 300 ފުލެޓް މަޝްރޫއަށް ހިލޭ އެހީދިނުމަށް ސައުދީން ވެސް ނިންމިއެވެ. ނަމަވެސް ޝަރީފު ވިދާޅުވީ ފަހުން އެ އެހީވެސް ލިބިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވެލެއްވި އިރު ފްލެޓްތަކާއި ގުޅިގެން އެއްވެސް ލިޔެކިއުންތަކެއް ތައްޔާރުކުރެވި ފައިސާ ހޯދާނެ ގޮތެއްވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.