English Edition
Dhivehi Edition

ވިލާކޮލެޖްގެ ދަރިވަރުން އެކްސްޕޯޝަރ ދަތުރެއްގައި ދުނިޔޭގެ އެންމެ ކުރިއަރާ ފައިވާ އެއް ގައުމު ކަމަށްވާ ޔޫ.އޭ.އީގެ ދުބާއީ އަދި އަބޫދާބީ ސިޓީއަށް ދިއުމަށްޓަކައި މިއަދު ފުރައިފިއެވެ.

7 ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގައި ވިލާ ކޮލެޖުގައި ހިންގާ ތަފާތު 14 ޕްރޮގްރާމެއްގައި ކިޔަވާ 45 ދަރިވަރުންނާއި މެނޭޖްމަންޓުގެ 3 ސްޓާފުންނާއެކު ޖުމުލަ 48 ބައިވެރިން ބައިވެރިވެއެވެ. މި ދަތުރުގައި ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސްގެ ދަރިވަރުންގެ އިތުރުން އަތޮޅު ތެރޭގެ ކެމްޕަސް ތަކުން ވެސް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ދަތުރުގައި ދުބާއީ އަދި އަބޫދާބީގެ ޔުނިވަރސިޓީ ތަކާއި ފެކްޓްރީތަކަށް ދިއުމުގެ އިތުރުން މަޝްހޫރު ތަންތަނަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޔުނިވަރސިޓީގެ ވިޒިޓިން ތަކުގައި ވިލާ ކޮލެޖްގެ ދަރިވަރުންނާއި އެ ޔުނިވަރސިޓީގެ ދަރިވަރުން ގުޅިގެން ބައެއް ހަރަކާތްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވިލާކޮލެޖްގެ ދަރިވަރުންގެ މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓާރސް ، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ޕްރޮގްރާމުތަކުގައި ކިޔަވަމުންދާ ދަރިވަރުން ހިމެނެއެވެ.

މިއީ ދަރިވަރުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފައިދާހުރި ދަތުރަކަށް ވެގެންދާނެ ކަމަށް ވިލާކޮލެޖުން ބުނެއެވެ.

މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ވިލާކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަނުންނެވެ.