އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ބޭނުންވާ ލަފަޔާއި މަޝްވަރާ ދެއްވުމުގައި ދެމިތިއްބަވާނެ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ހަތަރު ލީޑަރުން ވިދާޅުވެއްޖެ އެެވެ.
އިންތިހާބީ ރައީސް އިބޫ އާއި ކޯލިޝަންގެ ހަތަރު ޕާޓީގެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިއަދު ވަނީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ
ލީޑަރުން ގެ ފުރަތަމަ ބައްދަލުކުރެއްވުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް އިބްރާހީމް ސޯލިހް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވި ހަތަރު ލީޑަރުން މަހަކު އެއް ފަހަރު ބައްދަލުވުމަށް ނިންމާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބާ ހަމައަށް އައި އިރު ހަތަރު ލީޑަރުން ތިބީ އެކި ތަންތަނުގައި ބަންދުވެފައި ކަމަށާއި ނަމަވެސް އިންތިހާބުގައި ކާމިޔާބު ލިބުނީ ހަތަރު ލީޑަރުން އެ ތިއްބެވި ތަނެއްގައި ތިއްބަވައިގެން ވެސް ކުރެއްވި ބުރަ މަސައްކަތުން ކަމަށް އިބޫ ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަދު ދެން މަޝްވަރާކުރެއްވީ އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމަށް ކަމަށާއި އެކަމުގައި ގޮތްތަކެއް ނިންމުނު ކަމަށެވެ. މީގެއިތުރުން ދެން ބާއްވާ ރިޔާސީ އިންތިހާބަކާ ހަމައަށް ކޯލިޝަން ދަމަހައްޓާ، ރައްޔިތުން ކުރިއުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށްވެސް ލީޑަރުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވީ ގާނޫނުއަަސާސީ އޮތް ގޮތުން ދައުލަތުން ކަންކަން ނިންމުމުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ހަތަރު ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އަށް އަރުވަނީ ލަފާ ކަމަށާއި އެހެންކަމުން ކަންކަން ނިންމަވާނީ ލީޑަރުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މަނިކުފާނު ވިދާޅުވީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިއޮތީ ފެނިފައި ކަމަށާއި މިއަދު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެފައިވަނީ އަޅުގަނޑުމެން ބޭނުންވި ބޭފުޅުން ކަމަށެވެ.