އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލަމުންދާ އިރު، ޕާޓިތަކުން މަގާމުތަކަށް ސަވާރު ނުވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އއ. އުކުޅަހަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވީ ނަމަވެސް އެމަނިކުފާނު އެކުލަވާލާ ކެބިނެޓް ވެގެން ދާނީ އެމަނިކުފާނު އިހްތިޔާރު ކުރައްވާ ކެބިނެޓަކަަށް ކަމަށެވެ. އަދި އެއީ އިބޫއަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި އަދި ކޮންމެ ގާނޫނީ ހައްގަކީ އެކުލެވޭ ޒިންމާއާ އެކު އެކުލެވޭ ހައްގެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
“ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން، ތެދުފުޅެއް ރައިސުލްޖުމްހޫރިއްޔާ އެނގިވަޑައިގަންނަވާނެ ރައިސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް އަދި އަޅުގަނޑުމެން އެކަކަށް ވެސް އެ ހަގީގެއް ނޯޅޭނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އިބޫގެ ކެބިނެޓް ވަނީ ކޯލިޝަން ހަތަރު ޕާޓީގެ މެދުގައި ބަހާލާފަ އެވެ. އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދޭން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. ކެބިނެޓްގެ 20 ޕަސެންޓް ރައީސް މައުމޫންއަށް އޮތްއިރު އަދާލަތު ޕާޓީއަށް އޮތީ 15 ޕަސެންޓެވެ.
އިބޫ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ކެބިނެޓް އެކުލަވާލުމުގެ ގޮތުން ޕާޓީތަކުގެ މެދުގައި ދަނީ މަޝްވަރާކުރަމުންނެވެ. ހަމަ އެއާއެކު ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އިބޫ އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މިރޭ ކެބިނެޓްގެ “ލިސްޓް” ފައިނަލް ކުރެވޭނެ ކަމަށާއި ނަމަވެސް މުޅިން މިކަމާ ގުޅޭ ގޮތުން ނިންމުމެއް ނިންމެވޭނީ ބޭސްފަރުވާއަށް މޭލޭޝިއާ އަށް ވަޑައިގެން ހުންނެވި ކޯލިޝަންގެ އެއް ލީޑަރު ކަމުގައި ކުރީގެ ރައީސް މައުމޫން މާލެ ވަޑައިގަތުމުން ކަމަށެވެ.