ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ނުކުރެއްވިނަމަ މިނިވަން ނުވީސް ކަމަށާއި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވެންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާގެ ނިދާ ކޮޓަރިން ފިއްތޯލަ އަކާއި ވަޒަން ފެނުނު ކަމަށް ބުނެ، ހަތިޔާރު ގެންގުޅުނުކަމަށް ކަމަށް ސާބިތުކޮށް 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ، ނާޒިމް މިހެން ވިދާޅުވީ ބޭސްފަރުވާ އަށް މެލޭޝިއާއަށް ވަޑައިގެން ހުންނެވުމަށް ފަހު އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި 3 އަހަރާއި 9 މަސްދުވަހުގެ އަނިޔާވެރިކަން އިހުސާސް ކުރެއްވުމަށްފަހު މިނިވަންކަން ލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ރައީސް ޔާމީނުގެ އަނިޔާވެރިކަމުން އެމަނިކުފާނު މިނިވަންވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް އަދި އުފަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއުފާވެރިކަން ލިބުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި ޚާއްސަގޮތެއްގައި ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަަމަށެވެ.
ނާޒިމް ވިދާޅުވީ ހަތަރު ލީޑަރުން އެމަސައްކަތް ނުކުރެއްވިނަމަ މިއަދު އެމަނިކުފާނު މިނިވަން ނުވީސް ކަމަށެވެ. މީގެ އިތުރަށް އެމަނިކުފާނު ބަންދުކުރި ފަހުން މިއަދާ ހަަމައަށް އެމަނިކުފާނުގެ ހާލަތު ބަޔާންކޮށްދީ އެމަނިކުފާނުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާތީ މީޑިއާއަށް ވެސް ނާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ކެނޑިނޭޅި ޚާއްސަކޮށް މަންމައާއި ބައްޕައާއި އަނބިކަނބަލުންނާއި އަދި ކޮއްކޮ އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގަތް ހިތްވަރު ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިމައްސަލަ ފުރިހަމައަށް ތަހުގީގްކޮށް މިކަން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އިންތިޚާބީ ރައީސަށް ދަންނަވާނެ ކަމަށެވެ.
“އަޅުގަނޑު ޤަބޫލު ކުރަނީ ފުލުހުންގެ ތެރެއިން ފުލުހުންގެ އޭރުގެ ކޮމިޝަނަރ ހުސަން ވަހީދު އާއި ރައީސް ޔާމީން މިކަމުގައި ބައިވެރިވެގެން ހިންގާފައި އޮތް ވަރަށް ނުލަފާ ޖަރީމާއެއްގެ ގޮތުގައި. މިޖަރީމާ އެބަޖެހޭ ތަހުގީގްކޮށް މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެންނަން. ޑިފެންސް މިނިސްޓަރަކަށް ހުރި މީހެއްގެ ގެއަށް ފުލުހުންނަކަށް ނުވަދެވޭނެ އޭރުގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ނޫނީ. އެހެންވީމާ އަޅުގަނޑު މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ ޔާމިން ޢަބްދުލް ޤައްޔޫމް ޒިންމާކުރުވަން ބޭނުން. އަދި އިންސާފްގެ ކުރިމައްޗަށް ގެންނަން ބޭނުން. މިކަން ތަކުރާރުވެގެން ނުދާނީ މިއިންތިޚާބުވި ސަރުކާރުން މިކަން ބަލައި އިންސާފުގެ ކުރިމައްޗަށް ގެނެވިގެން. އެހެންނޫނީ މިފަދަ ކަންކަން ދާނީ ތަކުރާރުވަމުން” ނާޒިމް ވިދާޅުވިއެވެ
ނާޒިމް ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް އެމަނިކުފާނުގެ ކަންކަން ވަރަށް ގާތުން ބެއްލެވި ކަމަށާއި އެމަނިކުފާނު މިނިވަންކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
އައު ސަރުކާރު ގެނައީ ދިވެހި ރައްތުންގެ ވަރަށް ބޮޑު ގުރުބާނީއަކާއެކުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ބޭނުންވި ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަަމަށެވެ. ދިވެހިން އަނިޔާވެރިކަން ބަލައިނުގަންނަ ކަމަށާއި ރައްޔިތުން ބޭނުންވަނީ ސުލްހަމަސަލަސްކަން ކަމަށެވެ. ރައްޔިތުންނަށް އަނިޔާވެރި، ވައްކަން ކުރާ، ޖަރީމާތައް ހިންގާ ވެރިއަކު ބޭނުންނުވާ ކަަމަށާއި އިންތިޚާބުން ފެނިގެންދިޔައީ އެކަން ކަމަށެވެ.