ގައުމު އާރާސްތުކުރުމުގައި އެހީތެރިވުމުގެ އިތުރަށް އިޖުތިމާއީ މަސައްކަތްތައް ހިމެނޭ ގޮތަށް އުފެއްދި ޖަމިއްޔާއެއް ކަމަށް ވާ “އަސްބާ ” ޖަމިއްޔާ ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
(އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް) އަސްބާ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިސްވެ ހުންނަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ. “އަސްބާ”ގެ މެންބަރުންގެ ގޮތުގައި ހިމެނެނީ މެޑަމް އައިޝާގެ އިތުރަށް އެމަނާގެ މަންމާފުޅު ޚަދީޖާ އިބްރާހީމެވެ.
ޖަމިއްޔާ އިފްތިތާޙް ކުރުމަށް ހޮޓެލް ޖެން ގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށް ދެއްވެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ މަސައްކަތުގެ ނަތީޖާ ނެރެން ވިސްނާ މީހަކަށް އެންމެ މުހިންމުވަނީ ވަގުތީ ނަތީޖާއަކަށް ވުރެ ދެމެހެއްޓެނިވި ނަޖީޖާއެއް ކަމަށެވެ. އަދި މިފަށާ މައްސަކަތުގެ އަމާޒަކީ އިޖްތިމާއީ ބައެއް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ނެރެދިނުމުގައި ވެވުނު ވަރަކުން އެހީވުމާއި ބައިވެރިވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ
މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ އިތުރަށް ބައެއް ގައުމުތަކުގެ ސަފީރުން އަދި މެޑަމް އައިޝަތު ނަހުލާގެ އާއިލާގެ ބައެއް މެންބަރުން ބައިވެރިވެވަޑަިއގެންނެވިއެވެ.