English Edition
Dhivehi Edition

އަބަދުވެސް ކޮންމެ މީހަކަށްވެސް އެންމެ އިތުބާރު ކުރެވެނީ ޑޮކްޓަރީ ބޭހަށެވެ. ނަމަވެސް ޑޮކްޓަރީ ބޭހުގެ އަސްލަކީ ޤުދުރަތީ މާއްދާތަކެވެ. އެގޮތުން ބަލާއިރު ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކެބެޖަކީވެސް އާދަޔާ ޚިލާފް ބޭހެކެވެ.

ކެބެޖަކީ އޭގެ ޒާތުގައިވެސް އެންމެންނަށް މީރު ތަކުކާރީއެކެވެ. އެހެންކަމުން ކެބެޖް ބޭހެއްގެ ގޮތުގައި ބޭނުންކުރަން ޖެހުމަކުން އެކަމާއި ދެކޮޅު ހަދާނެ މީހަކު ނުހުންނާނެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ކެބެޖަކީ ހުޅުހުޅުގެ ތަދުތަކަށް އޮތް ޝިފާއެކެވެ. އެގޮތުން ކުޅިވަރުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން އަރާ ތަދުތައްކަށް ވެސް ލުޔެއް ގެނުވަދެއެވެ. ނަމަވެސް އާތްރައިޓިސް ކަހަލަ ބަލިތަކަށް އަދި ކެބެޖް އިން ފަރުވާ އަދި ހޯދިފައި ނުވެއެވެ.

ކެބެޖް އިން ހުޅުހުޅުގެ ތަދު ފިލުވާލުމަށްޓަކައި ފުރަތަމަ ކެބެޖް ގެ ފަތްތައް ވަކިކުރާށެވެ. އެއަށްފަހު އޭގެ ހަރުބައި ބުރިކޮށްލާނީއެވެ. މިގޮތަށް ހެދުމަށްފަހު ފުޅިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ހަރުތަނެއްގެ މަތީގައި ފަތް ބާއްވާފައި ފުޅީގެ ބޭނުންކޮށްގެން ފަތުގައި ހުރި ދިޔަ ނަގާނީގެވެ. މިގޮތަށް ހެދުމަށްޓަކައި ފަތްމަތީގައި ފުޅި ބާރަށް އެނބުރުން ނުވަތަ ފިތާލެވިދާނެއެވެ.

ދެވަނަކަމަކަށް ތައްޔާރުކުރި ފަތްތައް ފޮއިލްގައި ލުމަށްފަހު ހޫނުކުރުމަށްޓަކައި އަވަނަށް ލާށެވެ. އެގޮތުން މަދު މިނަޓްކޮޅަކަށް އަވަނުގައި ބަހައްޓާނީ އެވެ. އެގޮތަށް ހެދުމުން ފަތްތައް މޯޅިވެ، ބޭނުންކުރުމަށް ފަސޭހަވާނެއެވެ. އެހެންނަމަވެސް މާބޮޑަށް ހޫނު ކުރުން ރަނގަޅެއް ނޫނެވެ.

ފަތްތައް ހޫނުވެ މޯޅިވުމުން ކުޑަކޮށް ފިނިވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު ތަދުވާ ހުޅުމަތީގައި އެފަތްތައް އަޅާށެވެ. މިގޮތަށް އެސަރަޙައްދު އެއްކޮށް ފޮރުވޭވަރަށް އެޅުމަށްފަހު ބެންޑޭޖަކުން އެފަތްތަށް ފޮރުވޭގޮތަށް އޮޅާށެވެ. އަދި އޭގެ މަތިން ޕްލާސްޓިކް ކޮތަޅު ނުވަތަ ފޮއިލް އޮޅާފައި ބެހެއްޓިދާނެއެވެ. މިގޮތަށް ހަދަނީ ފަތްތަކުގައި ހުންނަ ހޫނުކަން އަވަހަށް ގޮސްދާނެތީއެވެ.

މިދެންނެވި ގޮތަށް ކެބެޖް ފަތްތައް އޮޅާފައި ބެހެއްޓުމަށްފަހު ގަޑިއެއް ހާއިރު ފަހުން ނަގާލާށެވެ. އަދި އެގޮތަށް ދުވާލު ދެފަހަރު ނުވަތަ ކޮންމެ ދުވަހަކު އެއްފަހަރު އަމަލުކުރެވިދާނެއެވެ. މީގެ އިތުރުން ރޭގަނޑު ނިދާއިރު ވެސް މިގޮތަށް މިފަރުވާ ބޭނުން ކުރެވިދާނެއެވެ.

ކެބެޖް ބޭނުންކުރާއިރު ރަތް ކެބެޖް ބޭނުންކުރުން ރަނގަޅުކަމަށް ގިނަ މީހުން ބުނެއެވެ. އަދި މިގޮތަށް މިފަރުވާ ބޭނުންކޮށްގެން ހުޅުތަކުގެ ތަދުތަކަށް ލުޔެއް ލިބޭކަމަށް ވެސް ގިނަމީހުން ބުނެފައިވެއެވެ.