ރާއްޖޭގައި ތިބެގެން ޒަމާނީ ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސާނޭކަމަށް އިންތިޙާބީ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އޭޑީކޭ އިން އިންތިޒާމުކޮށްގެން ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި “މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފު ވެރިކޮށްދެއްވައި ފައިސަލް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށް ހުނަރުވެރި ޑޮކްޓަރުން ރާއްޖޭގައި އުފެދި ޤައުމަށް ހިދުމަތްތައް ކުރަމުންގެންދާތަން ފެންނަމުންދާކަަމަށެވެ. އެހެންނަމަވެސް އެ ދާއިރާ އަދި ވެސް ވަރަށް ބޮޑަށް ތަރައްޤީ ކުރަން ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެހެންކަމުން އާ ސަރުކާރުން އެންމެ އިސްކަންދޭނީ ރާއްޖެ އިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބިގެން ޒަމާނީ އަދި ކޮލެޓީ ފަރުވާ ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެގޮތް ހެދުން ކަަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތް ދެމުންގެންދާ ފަރާތްތަކުން ހިދުމަތްތައް އަތްފޯރާ އަދި އެކަށޭނެ އަގުތަގެއްގައި ދޭތަން ފެންނަތަން ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ރާއްޖެ ބެހިފައިވާ ގޮތުން ސިއްހީ ދާއިރާގެ ފަންނީ މީހުން އިތުރުކުރަން ޖެހިފައިވާ ކަަމަށާއި އަދި މިއަދު ފެށި ކޮންފަރެންސްއަކީ ސިއްހީ ދާއިރާއާ މެދު އިތުުބާރު އުފެެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ކަަމަށް ފައިސަލް ވިދާޅުވި އެވެ.