ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓްކަރުދާސްތައް ނައްތާލުމުގެ ކުރިން ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ފުންމާލާތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ދައްކާލުމުގެ ފުރުސަތު ދޭން ގަސްތުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން ހުސް ކަރުދާސްކޮޅުތަކުގައި ފާހަގަޖަހަން ފުރުސަތުދޭނެ ކަމަށް ޝަރީފް ވިދާޅުވީ މިއަދު މެންދުރުފަހު ވީޓީވީން ގެނެސްދިން “މެހެމާންސަރާ” ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅުވައިގެން ޝަރީފް ވިދާޅުވީ ސަރުކާރުގައި ތިބެ، ހުރިހާ ރިސޯސްތަކެއް ހުރެ، އެންމެ ބޮޑު ޕާޓީކަމަށް ދައުވާކުރާ ޕީޕީއެމުން އެއްވެސް އަސާސެއްނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއްކަމަށެވެ.
“އިންތިޚާބުގައި ގާނޫނާއި ޚިލާފް އެއްވެސްކަމެއް ހިނގާފައިނުވާނެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގާނޫނާއި ޚިލާފް އެއްވެސްކަމެއް ކޮށްފައިނުވާނެ. ނަމަވެސް ކޮމިޝަންގެ މެންބަރުންގެ ބޮލުގައި އަސާސެއްނެތް ދޮގު ތުހުމަތުތަކެއް އެޅުވުމަށްފަހު، ޕީޕީއެމުން ކޯޓަށް މައްސަލަ ހުށައެޅުމަކީ ދެރަވެ، ލަދުވެތިވިކަމެއް” ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުގައި ކަންކަން ހިނގާދިޔައީ ރަނގަޅަށްކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާކަމަށާ ނަމަވެސް ބަޔަކު އިންތިޚާބާއިމެދު ސުވާލުތަކެއް އުފައްދާފައިވާތީ، އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ރައްޔިތުންނަށް އެ ކަރުދާސްތައް ދައްކާލުމަށްވެސް ގަސްތުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ބޭނުންނުކޮށް ހުރި ހުސް ވޯޓްކަރުދާސްކޮޅުތަކުގައި ފާހަގަޖެހުމަށް ފުރުސަތު ރައްޔިތުންނަށް ދިނުމަށްވެސް ގަސްތުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭރުން ވޯޓް ކަރުދާހުގައި ޖެހި ފާހަގަ ފުންމައިގެން ދޭތޯ ރައްޔިތުންނަށް އިތުރަށް ޔަގީންކުރެވޭނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ އެ ގޮތަށް އަމަލުކުރުމަށް ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވި ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ލީގަލް ޓީމާއި މަޝްވަރާކުރުމަށްފަހުގައި ކަަމަށެވެ.