English Edition
Dhivehi Edition
ބެލެނިވެރިންގެ ހަފްތާނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އެންމެ ނަސީބުވެރި ފަރާތަށް އުމުރާ ދަތުރުގެ އިނާމު ހަވާލުކޮށްދެއްވަނީ: ފޮޓޯ: ލުބްނާ މަޖީދު މުޚްތާރު އޭއޯ ނިއުސް

ޝަމްސުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ ބެލެނިވެރިންގެ ހަފްތާގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ ނަސީބުވެރި ބެލެނިވެރިއަކަށް އުމުރާ ދަތުރެއްގެ އިނާމު ދީފިއެވެ.

އުމުރާ ދަތުރުގެ އިނާމުގެ ސްޕޮންސަރ ކޮށްފައިވަނީ ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ. މި ދަތުރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އެސްކޫލުގެ ބެލެނިވެރިއެއް ކަމުގައި ވާ މަރިޔަމް ޝިބާނާއެވެ ނަސީބުވެރި ބެލެނިވެރިޔާ ހޮވާފައިވަނީ ބެލެނިވެރިންގެ ހަފްތާގެ ހަރަކާތްތަކުގައި ބައިވެރިވީ ބެލެނިވެރިންގެ ތެރެއިން ގުރުއަތުންނެވެ.

ޝަމްސުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ ބެލެނިވެރިންގެ ހަފްތާއަކީ ސްކޫލުގެ ބެލެނިވެރިންނާއި ސްކޫލާ ދެމެދު ގާތްގުޅުމެއް އުފެއްދުމާއި ބެލެނިވެރިން ނާއި މުދައްރިސުންގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަަަފްތާއެކެވެ. ބެލެނިވެރިންގެ ހަފްތާގައި ބެލެނިވެރިންގެ މެދުގައި ތަފާތު މުބާރާތާއި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސްކޫލްގެ ހަތަރު ހައުސް އަށް ބެލެނިވެރިން ބަހާލައިގެން ކުރިއަށް ގެންދިޔަ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތްތައް ވެސް ހިމެނެއެވެ.

ޝަމްސުއްދީން ސްކޫލުގެ ޕްރިންސިޕަލް ސުލްތާން ރާމިޒް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅު ވެގެން ދިޔަކަން ފާހަގަކުރެވުނު ކަމަށާއި ހިތްހަމަ ޖެހޭ އުފާވެރި ވަގުތުތަކެއް ސްކޫލުގައި ބެލެނިވެރިން ހޭދަކުރުމުގެ ފުރުސަތު ވެސް ހޯދައި ދެވުނު ކަމަށެވެ. މިއާއެކު ބެލެނިވެރިންނާއި މުދައްރިސުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވި އެ ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ވަރުގަދަ ވެގެން ދިޔަތަން ފެނިގެން ދިޔަކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އެއްހަފްތާއަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތައް ނިންމުމުގެ ގޮތުން ރޭ އެސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ތަފާތު އެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެ ވަނަ ވަނަ އަށް އައި ޓީމުތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީވެސް ދީފައެވެ.

މި ހަފްލާގައި ބެލެނިވެރިންގެ ފަރާތުން މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކެއްވެސް ވަނީ ހުށަހަޅައިދީފައެވެ.

ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތަށް ފަހު ބެލެނިވެރިން ބުނީ މިއީ ލިބިގެން ދިޔަ ވަރަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށާއި މިފަދަ އިތުރު ގިނަ ފުރުސަތުތައް އަދިވެސް ލިބޭނެ ގޮތް ވުމަކީ އެދޭ ކަމެއް ކަމަށެވެ.

“މި ޕްރޮގްރާމުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު ތައް ލިބިގެން ހިނގައްޖެ. ހަމަ އެއާއެކު ސްކޫލާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުމާއި ގާތްކަން ވަރަށް ބޮޑަށް އިތުރުވެެގެން ހިނގައްޖެ. މިފަދަ ޕްރޮގްރާމެއް ހިންގަވައި ދެއްވީތީ ސްކޫލްގެ ޕްރިންސިޕަލް އާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރުވެެެެެެެެެެެރިވަން” ހަރަކާތުގައި ބައިވެރިވި ބެލެނިވެރިއަކު ކިޔައިދިނެވެ.

ޝަމްސުއްދީން ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 7 އާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.