English Edition
Dhivehi Edition
ޝަމްސުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން ؛ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އައްޑޫސިޓީގެ މީދޫ ޝަމްސުއްދީން ސްކޫލުގައި ޔުނިފޯމް ހަރަކާތްތައް ކުރިއަށް ގެންދިއުން މެދުކަނޑާލާފައި އޮންނަތާ 10 އަހަރު ފަހުން، އަލުން ޔުނިފޯމްހަރަކާތްތައް އެސްކޫލުގައި ފަށައިފިއެވެ.

ޝަމްސުއްދީން ސްކޫލުގައި ވަނީ މިއަހަރު ސްޓާރ، ލިޓިލްމެއިޑް އަދި ކަބްސްކައުޓް ހަރަކާތް ފަށައި ދަރިވަރުން އެންރޯލްވެސް ކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި، އަލުން ޔުނިފޯރމް ހަރަކާތް ރަސްމީކޮށް ވަނީ ފަށާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުގެ ރައީސް ޙުސެއިން މުހައްމަދު ޙަނީފެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމްސުއްދީން ސްކޫލުގެ ޕްރިންސިޕަލް ސުލްތާން ރާމިޒު ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ސްކޫލުގެ ދަރިވަރުންނަށް އަލުން ޔުނިފޯރމް ހަރަކާތް ފެށޭނެ ގޮތްވުމަކީ ދަރިވަރުންނާއި މުދައްރިސުން ނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިފަދަ ހަރަކާތެއް ސްކޫލުގައި ކުރިއަށް ގެންދިއުމުގައި ކަމުގެ ތަމްރީން ލިބިފައި ތިބި މުދައްރިސުން ބޭނުންވާ ކަން ހާމަކުރައްވަމުން ޕްރިންސިޕަލް ވަނީ އެފަދަ ޓްރެއިނިން ޕްރޮގްރާމުތަކެއް ހުޅުމީދޫގެ ސްކޫލުތަކުގެ މުދައްރިސުންނަށް ޚާއްޞަ ކޮށްގެން ރަށުގައި ހިންގައި ދެއްވުމަށް މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުގެ ރައީސަށް ދަންނަވާފައެވެ. އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ޔުނިފޯރމް ހަރަކާތްތައް ހިންގުމުގައި ހުޅުމީދޫގެ ސްކޫލްތަކަށް މިވަގުތަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ޝަރަފްވެރި މެޙްމާނެއްގެ ގޮތުގައި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ސްކައުޓް އެސޯސިއޭޝަންގެ ރައީސް ޙަނީފް ވަނީ ގިނަ ދުވަސްތަކަކަށް ފަހު އަލުން ޝަމްސުއްދީން ސްކޫލުގައި ޔުނިފޯރމް ހަރަކާތްތައް ފަށައި ސްކޫލުގެ ގިނަ ދަރިވަރުންތަކަކަށް އެ ފުރުސަތު ފަހިކޮށް ދެއްވާފައިވާތީ ސްކޫލުގެ ޕްރިންސިޕަލާއި މުދައްރިސުންނަށް ޝުކުރު އަދާކުރައްވަވާފައެވެ. ހަމަ މިއާއެކު ޕްރިންސިޕަލް އެދިލެއްވެވި ފަދަ ތަމްރީން ޕްރޮގްރާމުތަކެއް ވީހާ އަވަހަކަށް ހުޅުމީދޫގައި ފެށުމަށް މަސައްކަތް ކުރައްވަވާނެ ކަމަށް ވެސް ހަނީފް ވިދާޅުވިއެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 7 އާއި ހަމައަށް ކިޔަވައިދެމުން އަންނަ ޝަމްސުއްދީން ސްކޫލުގައި ސްޓާރ، ލިޓިލްމެއިޑް އަދި ކަބްސްކައުޓް ހަރަކާތަށް އަލުން ފަށާފައިވާއިރު އެސްކޫލުގައި ބޭންޑް އަދި ކެޑޭޓް ހަރަކާތްވެސް ކުރިއަށް ގެންދެއެވެ.