English Edition
Dhivehi Edition

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައި ހުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސް އެ މައްސަލަ ދަށު ކޯޓުން ބެލުން ހުއްޓުވައިފި އެވެ

އެ މައްސަލަ ދަށު ކޯޓުން ބެލުން ހުއްޓުވާފައިވަނީ، މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ފަށާފައިވަނިކޮށެވެ. އެ މައްސަލައިގެ ޝަރީއަތް މި މަހު 15ގައި ސިވިލް ކޯޓުގައި ފެށުމަށް ފަހު އިތުރު އަޑުއެހުމެއް މިހާތަނަށް ބާއްވާފައިނުވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލައިގެ ފައިލް ގެންދިޔަ އިރު އަންނަ ބުރާސްފަތި ދުވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. މިއަދު، މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ވަކީލުންނަށް ސިވިލް ކޯޓުން އަންގާފައިވަނީ ސުޕްރީމް ކޯޓުގެ އެންގުމަށް އެ މައްސަލައިގެ ފައިލް އެކޯޓަށް ފޮނުވާފައިވާ ކަމަށެވެ

ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށާއި ޕީޕީއެމުން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެހެންކަމުން މި ދައުވާގައި އެދިފައި ވަނީ ކުރީގައި އޮތް ގޮތަށް މައުމޫނާ އެ ޕާޓީގެ ލީޑަޝިޕް ހަވާލު ކޮށްދިނުމަށެވެ

ސެޕްޓެމްވބަރު މަހުގެ 28ވަނަ ދުވަހު ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވާއިރު ކޮންގްރެސްގެ އެ ބައްދަލުވުން ބޭއްވީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ވަނީ، އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގެންފަ އެވެ