ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އެ ޕާޓީގެ ފައުންޑަރ ޤާސިމް އިބްރާހިމް އިންތިޚާބުކޮށްފި އެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހިމް އިންތިޚާބު ކުރެއްވީ، އެޕާޓީގެ ހުސްވެފައިވާ ލީޑަރުކަމުގެ މަޤާމަށް ކުރިމަތިލުމަށްފަހު ހުޅުވާލުމަށްފަހުގަ އެވެ. އެމަޤާމަށް ކުރިމަތިލެއްވި ހަމައެކަނި މެންބަރު ޤާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުކުރެއްވީ އެޕާޓީގެ ކައުސިލް މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަށްފަހުގަ އެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ރޭ ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބު ކުރިއަށްގެންދިއަކީ ކޮމިޓީއެއް އެކުލަވާލައިގެންނެވެ.
އެ ޕާޓީގެ މައި އޮފީސް ކުނޫޒުގައި ކުރިއަށްގެންދިއަ ޖޭޕީގެ 124 ވަނަ ކައުންސިލް ބައްދަލުވުމުގައި އިންތިޚާބުގެ މަޤާމަށް ކުރިމަތިލެއްވި ޤާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ. ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 42 މެންބަރުންގެ ވޯޓުއެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް އަށްފަހު އެޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.