އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހަކީ 17 ނޮވެމްބަރު ކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ކާމިޔާބު ކުރެއްވި އިބޫ ވެރިކަމުގެ ހުވާކުރައްވާނެ ދުވަހެއް ކަނޑައަޅަން ރިޔާސަތުން ހުށަހެޅި މައްސަލަ ދިރާސާ ކުރަން އެންމެ ފުރަތަމަ ކަނޑައެޅީ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއެކެވެ. އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމެވީ އަންނަ މަހުގެ 17 ގައި ހުވާ ކުރާ ޖަލްސާ ބޭއްވުމަށެވެ.
ކޮމިޓީން ނިންމި ގޮތަށް ފާސް ކުރަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބީ ރައީސް ހުވާ ކުރައްވާ ދުވަހާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބަހުސް ކުރައްވަމުން އިންތިހާބީ ރައީސް ، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ އެއްވެސް ޒަމާނަކުން މީހަކު ބުނަން ބޭނުން ނުވާ ކަމަށެވެ. އެހެންވީމާ އެމަނިކުފާނަށް ފެންނަނީ އޭގައި “ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން” ކަމަށް އިބޫ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމި ނަމަވެސް ކޮންމެވެސް ދުވަހަކުން ސުޕްރީމް ކޯޓަށް އެ މައްސަލަ ގެންގޮސް ގޮތެއް ނިންމާތަން ދެކެން ނޭދޭކަމަށް އިބޫ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގެ އިގްރާރުގައި ސޮއިކުރެއްވީ 17 ނޮވެމްބަރު 2013 ވަނަ ދުވަހުން ފެށިގެން، ފަސް އަހަރުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ އިގްރާރުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި މަޖިލީހުގެ އޭރުގެ ރައީސް ޝާހިދު ވެސް ސޮއިކުރެއްވި އެވެ.