English Edition
Dhivehi Edition

އަވިއައިނަކީ އޭގެ ސަބަބުން ވަރަށް ގިނަގުނަ މަންފާތަކެއް ލިއްބައިދޭ އެއްޗެކެވެ. ސިއްޙީ ގޮތުން ބެލިކަމުގައި ވިޔަސްމެވެ. އަދި ފެޝަނާއި ރީތިވުމަށް ވެސް އަވިއައިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އެހެންނަމަވެސް ކޮންމެ އެއްޗެއްވެސް ނަހަމަގޮތުގައި ބޭނުން ކުރުމަކީ އިންސާނުންގެ އާދައެވެ. އަދި އެކަކު އެކަމެއް ކުރުމުން އެކަމުގެ އަޖުމަ ބެލުމަށް ދެވަނަ މީހަކު ވެސް އެކަން ކުރާ ހިތްވާނެއެވެ. އެގޮތުން އަވި އައިނުގެ ބޭނުންވެސް ނަހަމަ ގޮތުގައި ހިފާ މީހުން މަދެއް ނޫނެވެ.

އަވިއައިނު އަޅާ ގިނަ މީހުން އައިނު އަޅަނީ ވައްކަން ކުރުމަށޭ ބުނުމުން ބައެއް މީހުންނަށް އެއީ އާކަމަކަށް ވެދާނެއެވެ. ނަމަވެސް އެގޮތަށް އައިނު އަޅައިގެން ވައްކަން ކޮށްލުމުން އެއީ ހަޤީގަތުގައި ވެސް ތެދެކޭ ހިތަށް އަރާނެއެވެ. އަވިއައިނަކީ އިރުގެ އަލިން ލޯ ސަލާމަތްކޮށްދޭ ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. އަދި ޚާއްސަކޮށް ލޯ އެއްކޮށް ފޮރުވޭކަހަލަ އައިނުން ލިބޭ ފައިދާ ވަރަށް ބޮޑެވެ. އެފަދަ އައިނެއް އަޅައިގެން ހުންނަ މީހެއްގެ ލޯ ނުވަތަ އޭނާ ބަލާތަން އެހެން މީހުންނަށް ނުފެނުމަކީ އެމީހަކަށް ލިބޭ ބޮޑު ފައިދާ އެކެވެ. އެއިގެ ސަބަބުން އެހެން މީހުންނަށް ނޭނގި އައިނު އަޅައިގެން ހުންނަށް މީހަކަށް އެމީހަކު ބޭނުންތަނެއް އެބަ ބަލާލެވެއެވެ. މިގޮތަށް ބަލާބެލުމަކީ ވައްކަމެކެވޭ ނުބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެއީ ލޮލުން ކުރެވޭ ވައްކަމެކެވެ.

މީހުން އެއްވާ ތަންތަނުގައި އާއި، ފެރީ ފަދަ ތަންތަނުގައި ގިނަ މީހުން އަވި އައިނު އަޅަނީ އެމީހަކު ބަލާ ތަނެއް ނުވަތަ އެމީހަކު ބަލަނީ ކާކާއި ދިމާލަށްކަން އެނގުނަ ނުދިނުމަށެވެ. އެހެންގޮތަކަށް ބުނާނަމަ ވަގަށް މީހުންނާއި ދިމާލަށް ބެލުމަށެވެ. އޭގެ ސަބަބުން ބައެއްފަހަރު ފައިދާތަކެއް ލިބުނު ކަމުގައި ވިޔަސް އެއަރައި ގަނެވެނީ އަނެކާގެ ހައްޤަކަށެވެ. އެއީ ހަމަ ވައްކަމެކެވެ.

އާއްމުކޮށް ފެންނަ މަންޒަރުތަކުގެ ތެރެއިން ހަށިފާރަވެރިން މިގޮތަށް އަވި އައިނު އަޅައިގެން ތިބެނީ އެމީހުންގެ މަސައްކަތުގެ ގޮތުންނެވެ. އެހެންނަމަވެސް އާއްމުކޮށް އުޅޭ އުޅުމުގައި މިގޮތަށް އަވިއައިނު އަޅައިގެން ހުންނަ ނަމަ އެމީހަކާއި މެދު ވިސްނާލަން ޖެހެއެވެ. އެހެނީ އެމީހަކު އަވިއައިނު އެބޭނުން ކުރަނީ އެހެން މަޤްސަދެއް އޮވެގެންތޯ ދެނެގަތުމަށެވެ.

ސިއްޙީ މާހިރުން ބުނާ ގޮތުގައި އަވިއައިނަކީ އިރުގެ އަލިން ލޯ ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންކަމުން އެނޫންތަންތަނުގައި ނުވަތަ އިރުގެ އަލިން ލޮލަށް އަސަރު ނުކުރާ ތަންތަނުގައި އަވިއައިނު ބޭނުން ކުރުމުގެ އެހެން ބޭނުމެއް އެބައޮތްތޯ ސުވާލުކޮށްލަން ޖެހެއެވެ.