English Edition
Dhivehi Edition

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޝަޚްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު، މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވެގެންނެވެ. ފާރިސްގެ މައްޗަށް މިދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ހުކުމް ތަންފީޒުވެ ނިމެން ގާތް ވެފައި ވަނިކޮށް ފާރިސް ވަނީ ދާދި ފަހުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ފާރިސް މިނިވަން ކޮށްފައިވަނީ ހައިކޯޓުގައި ޑިޕޮސިޓެއްގެ ގޮތުގައި 40،000 ރުފިޔާ ބެހެއްޓުމަށްފަހުއެވެ.

ޝަހުސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެން ފާރިސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމް އިއްވާފައިވަނީ ފާރިސް އަށް އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިއުތިރާފް އެވެ.

ދައުލަތުން ވަނީ އިޖުރާއަތްތަކާއި ޚިލާފަށް ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދީފައިވާ ކަމަށްވެސް ހައިކޯޓުގައި އިއުތިރާފްވެފަ އެވެ. އެކަމަކު އެގޮތަށް ހެކިބަސް ދީފައިވަނީ ފާރިސްގެ ދިފާއީ ވަކީލުންގެ ފިއްތުއްތަކާއި ގުޅިގެން ކަމަށް ދައުލަތުގެ ވަކީލް ވަނީ ތުހުމަތުކޮށްފަ އެވެ..

ފާރިސްގެ ގާނޫނީ ގާނޫނީ ޓީމުން ބުނެފައިވަނީ ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާއި ގުޅިގެން ގާނޫނުލް އުގޫބާތުގައިވާ ގޮތަށް ދައުލަތުންނާއި ކްރިމިނަލް ކޯޓުން ކުރަންޖެހޭ ކިތަންމެ ކަމެއް ގާނޫނާ ހިލާފަށް ކޮށްފައިވާ ކަން ދައުލަތުގެ ވަކީލުގެ ވާހަކަތަކުން އެނގިފައިވާތީ ފާރިސްގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނީ އިޖްރާއަތްތަކާއި ހިލާފަށް ކަން ޔަގީންވެފައިވާ ކަމަށެވެ.

ޝަހުސު އޮޅުވާލުމުގެ ދައުވާގެ އިތުރަށް ރިޝްވަތު ދިނުމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ. މިދައުވާތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.