English Edition
Dhivehi Edition
ގެއްލިގެން ހޯދަމުން ދަނިކޮށް ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީން

މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގާ ނަޖާހުގެ މައްޗަށް ކުށް ސާބިތުވާކަމަށް ސްޕްރީމް ކޯޓުން ވެސް ނިންމައިފިއެވެ.

މީގެ 12 އަަހަރުކުރިން 2009 ވަނަ އަހަރު މ. އަންގާގިރި ހަދަމުންދަނިކޮށް، ޝީރީންގެ ކުނިވެފައި އޮތް ހަށިގަނޑު އެގޭ ތެރެއިން ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ 3 ދުވަސް ފަހުންނެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް އުފުލާފައިވާއިރު، އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން ދިރިއުޅެމުން އައީ ވެސް އެކުގައެވެ.

ޝީރީންގެ މަރުގެ މައްސަލާގައި ގަސްތުގައި މީހަކު މަރާލިކަމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިިނަލް ކޯޓުން 2015 ވަނަ އަހަރު ނިންމިނަމަވެސް އެ މައްސަލާގައި 2020 ވަނަ އަހަރު ހައިކޯޓުން ވަނީ ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި 12 އަހަރަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން އެހުކުމް ދަމަހައްޓާފައިވަނީ އިއްޔެއެވެ.

ދައުލަތުން ތުހުމަތުކުރަނީ ނަޖާހު އާއި ޝީރީން ދިރިއުޅުނު ގޭތެރޭގައި އޭނާ މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގެންގޮސް ހަދަމުންދިޔަ އިމާރާތުގެ ތެރެއަށް އެއްލާލީ ކަމަށެވެ. އެހެންނަމަވެސް މަންޒަރު ފެނުނު މީހަކު ނެތްއިރު، ހައި ކޯޓުން ނަޖާހުގެ މައްޗަށް މި ކުށް ސާބިތުވާކަމަށް ހުކުމް ކުރީ މަންޒަރު ފެނުނު މީހެއް ނެތް ނަމަވެސް، ލިބިފައިވާ ގަރީނާތަކަށް ރިއާޔަތްކޮށެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި، ގަރީނާތަކަށް ބަލާ އެކަން ސާބިތުވާ ކަންކަން އެބަހުރިކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޝީރީންގެ ހަށިގަނޑު ފެނުނު ގެއަށް ފޮށިގަނޑެއް ހިފައިގެން ޓެކްސީއެއްގައި ދިޔަކަމާއި އޭގެ ފަހުން ޓެކްސީގެ ޑިކީގައި ނުބައި ވަހެއް ހުރިކަމަށް ބުނެ ޑްރައިވަރު ހެކިބަސް ދީފައިވާކަން ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ޝީރީނަށް އެކި ފަހަރު ނަޖާހު އަނިޔާކުރިކަން އެކުވެރިންނާ ހިއްސާކޮށްފައިވާ ކަމަށާއި އަނިޔާކުރިތަނާއި އެކި ފަހަރުމަތިން ލިބިފައިވާ ބޮޑެތި އަނިޔާތައް ފެނުނު މީހުން ވެސް މި މައްސަލައިގައި ހެކިބަސް ދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ހަމަމިއާއެކު ޝީރީނާއިއެކު އެންމެ ފަހުން އުޅުނު މީހަކީ ނަޖާހު ކަމުގައިވާ އިރު، އެރޭ ކަން ހިނގައިދިޔަ ގޮތާ ގުޅިގެން ކޯޓުގައި ނަޖާހު އެކި ވާހަކަ ދައްކާފައިވުމާއި ދޮގު ހަދާފައިވުމުގެ އިތުރަށް އޭނާގެ އެއްވެސް އިހުމާލެއް ނުވާނަމަ އޭނާ ޝިރީންގެ ހަށިގަނޑު ގެއްލުވާލަން މަސައްކަތްކުރުމުގެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނަޖާހު މައުސޫމްކަމަށް އެއްވެސް އިޝާރާތެއް ނެތް ކަމަށާއި ޝީރީން މަރުވީ ނަޖާހުގެ އަމަލަކުން ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ.