English Edition
Dhivehi Edition

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމާ ގުޅޭ ގޮތުންނެވެ. އަދި މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރިލްވާންގެ އާއިލާއަށް ލިބޭ އިންޒާރުތައް ފާހަގަކޮށް ރިލްވާން ގެއްލުވާލި މައްސަލާގެ ގިނަ ކަންކަން އާއިލާއިން ވަނީ ސިޔާމްއާ ހިއްސާކޮށްފައެވެ.

މީގެ އިތުރަށް ރިލްވާންގެ އާއިލާއަށް ސިޔާމަށް ދެވެން ހުރި ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ވެސް އޭނާ ވަނީ މި ބައްދަލަވުމުގައި ދެއްވާފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަށް ގިނަ އިންޒާރުތަކެއް ދިނުމަށްފަހު އޭނާ ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.