އަހަރެމެން އެންމެންވެސް މަސައްކަތުގެ މާހައުލުގައި ނޫނީ ގޭގައި ބުރަކޮށް އުޅުމަށްފަހު އަރާމުކޮށްލާ ހަމަޖެހިލަން ވަކި ވަގުތު ކޮޅެއް ބޭނުން ވެއެވެ. އެގޮތުން ކޮންމެ މީހަކުވެސް ހަމަޖެހިލަން ނޫނީ އަރާމުކޮށްލަން ބޭނުން ކުރާވަގުތު ގައި އެއްވެސް އެހެން މީހެއްގެ އުނދަގުލެއް ފޯރާ ކަށެއް ބޭނުމެއް ނުވާނެއެވެ.
ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި ފިރިހެނުން މަސައްކަތުގައި އުޅުމަށްފަހު ހުސްވަގުތު ހަމަޖެހިލައިގެން ހޭދަކޮށްލަން ރެސްޓްރޫމް ބޭނުން ކުރުމުގެ ބަދަލުގައި ފާހާނާ ބޭނުން ކުރެއެވެ. މިދިރާސާގައި ބުނެފައި ވާގޮތުގައި ފާހާނާތެރެ އަށް ފިރިހެނުން ވަންނަނީ މަސައްކަތުގެ މާހައުލުގައި ނަމަ ސްޓްރެސް ފިލުވާލުމަށެވެ. އަދި ގޭގައި ނަމަ މަސައްކަތުގައި އުޅެފައި އައިސް ގެއަށް ވަނުމުން އިތުރު މަސައްކަތެއް ކުރަންޖެހުމުގެ ކުރިންނާ ދަރީންގެ ކަންތައްތަކުން ކުޑަ ހުސްވަގުތުކޮޅެއް ނެގުމުގެ އިތުރުން ފޯނު ބޭނުން ކޮށްލުމަށެވެ.
1000 ފިރިހެނުން ބައިވެރި ވި މިދިރާސާގައި %45 ފިރިހެނުން ބުނެފައިވަނީ އެމީހުންނަށް ހަމަޖެހިލައިގެން ހުސްވަގުތު ކޮޅެއް ލިބުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އަދި %25 ފިރިހެނުން ބުނެފައިވަނީ އެމީހުންގެ ބައިވެރިޔާ އަށް އެމީހުން ދިރިއުޅުމަށް އުފުލަމުންދާ ބުރަ އިހްސާސްނުވާކަމަށެވެ. އަނެއް %25 ފިރިހެނުން ބުނަފައިވަނީ އެމީހުންގެ ހަޔާތުގައި އެއްވެސް މީހެއްގެ އުނދަގުލެއް ނުޖެހި ހުސްވަގުތުކޮޅެއް ލިބެނީ ފާހާނާ ތެރެއަށް ވަނުމުން ކަމަށެވެ. އަދި %23 ފިރިހެނުން ބުނެފައިވަނީ އެންމެ ރައްކާތެރި ތަނަކީ ފާހާނާ ކަމަށެވެ.
މިދިރާސާގައި ބުނެފައިވަނީ ފިރިހެނުން ފާހާނާގައި ގިނަވަގުތު ހެދަކުރަނީ ފާހާނާކުރުމުގެ ބޭނުމުގައި ނޫންކަމަށާއި “ޕްރައިވެސީ އެންޑް ޕީސް” ގެ ބޭނުމުގައެވެ. އެގޮތުން ފިރިހެނުން އަހަރެއްގެ މައްޗަށް 7 ގަޑިއިރު ފާހާނާ ތެރޭގައި ފިލައިގެން ވަގުތު ހޭދަކުރެއެވެ.